ށ. މިލަންދޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 31 އަށް އަރައިފިއެވެ.
މިލަންދޫ ކައުންސިލްގެ ރައީސް އަބުދު ﷲ އާތިފް "ތިލަދުން"އަށް ވިދާޅުވީ، އެރަށުން އަލަށް ޕޮޒިޓިވްވި ހުރިހާ މީހުންނަކީ ވެސް 26 އޯގަސްޓް ކްލަސްޓާއާއި ގުޅުން ހުރި މީން ކަމަށެވެ.
"ގިނައިން ޕޮޒިޓިވްވެފައި ވަނީ ސްކޫލް ދަރިވަރު " އާތިފް ވިދާޅުވިއެވެ.
މިމަހުގެ 26 ވަނަ ދުވަހު ވަނީ ބަލީގެ އަލާމާތް ހުރެގެން މިލަންދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި 4 މީހަކު ޕޮޒިޓިވްވެފައެވެ. އެއީ ބޮޑު މީހަކާއި ތިން ކުޑަ ކުދިންނެވެ.
މިލަންދޫ ސިއްހީ މަރުކަޒުން މިއަދު އާންމު ކުރެއްވި އެރަށުގެ ކޯވިޑްގެ ހާލަތު އަންގައިދޭ މައުލޫމާތަށް ބަލާއިރު މިފަހަރު ފުރަތަމަ ޕޮޒިޓިވްވި މީހުންނާއި ގުޅުން ހުރި އިތުރު 2 މީހެއް ވަނީ 27ވަނަ ދުވަހު ނެގުނު 20 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައެވެ.
މީގެއިތުރުން މިމަހުގެ 28 ވަނަ ދުވަހު އެރަށުން ނެގި 86 ސާމްޕަލްގެ ތެރެއިން 25 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ.
28 ވަނަ ދުވަހު ނެގި 86 ސާމްޕަލްގެ ތެރެއިން 8 ސާމްޕަލެއްގެ ނަތީޖާ ޔަގީން ކުރެވިފައި ނުވާއިރު، 29ވަނަ ދުވަހު ވެސް ވަނީ 20 ސާމްޕަލެއް ނަގާފައެވެ.
މިލަންދޫން "ތިލަދުން"އާއި ވާހަކަ ދެއްކި މީހަކު ބުނީ މިފަހަރު ފުރަތަ ޕޮޒިޓިވްވީ، ދާދިފަހުން އިންޑިއާއަށް ދަތުރުކުރުމަށްފަހު އެރަށަށް ގޮސްތިބި އެރަށުގެ ޢާއިލާއެއްގެ މީހުން ކަމަށެވެ. އަދި އަލަށް ޕޮޒިޓިވްވަމުން އަންނަނީ ވެސް ގިނައިން އެ އާއިލާއާއި ގުޅުން ހުރި މީހުން ކަމަށް އޭނާ ބުންޏެވެ.
މިމަހުގެ 26 ވަނަ ދުވަހު ވަނީ ބަލީގެ އަލާމާތް ހުރެގެން މިލަންދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި 4 މީހަކު ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އޯގަސްޓް 27 ވަނަ ދުވަހުގެ ރޭ 18:52 ގައި އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!