ހއ. ކެލާގައި ދަނޑުވެރިކަން ކުރުން ބިން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު އެރަށުގެ ދަނޑުވެރިންނަށް ހުޅުވާލައިފިއެވެ.
މިގޮތުން ކެލާ ކައުންސިލުން ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގ ކުރުމުގެ ފުރުޞަތު ކެލާގެ ދަނޑުވެރިންނަށް ހުޅުވާލާފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި ހައްދާ ދަނޑުވެރިކަމުގެ 17 ބާވަތެއް އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި ދަނޑުވެރިޔާއާއި ދެމެދުވެވޭ އެއްބަސްވުމެއްގެ ތެރެއިން އެކުންފުނިން ގަންނަމުންދާނެ ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ.
މީގެއިތުރުން ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އެހީއާއި މާލީ އެހީތެރިކަންވެސް އެކުންފުނިން ފޯރުކޮށްދޭނެ ކަމަށް ވެސް އެކައުންސިލުން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެގްރޯ ނޭޝަނަލްއާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގައި ބައިވެރިވާން ބޭނުންވާ އެރަށުގެ ދަނޑުވެރިން، ދަނޑުވެރިކަން ކުރުމަށް ބިން ރަޖިސްޓްރީ ކުރުމަށްއެދޭ މައުލޫމާތު ފޯމު ފުރިހަމަ ކުރުމަށްފަހު 07 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކެލާ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
ދާދިފަހުން އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު ވަނީ ކެލާއަށް ޒިޔާރަތް ކުރައްވައި، އެ ކުންފުނިން ކުރިއަށް ގެންދާ ކޮންޓްރެކްޓް ފާމިންގ ޕްރޮގްރާމްގެ މައުލޫމާތު ކެލާ ކައުންސިލާއި އަދި ދަނޑުވެރިންނާއި ހިއްސާ ކުރައްވާފައެވެ.
ކެލާއަކީ އުތުރުން ދަނޑިވެރިކަމަށް ފާހަގަ ކޮށްލެވޭ އެއް ރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!