ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ބަލާނެއް ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް އިއްވެވި ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ގާޒީއެއްގެ އޯޑިއޯއެއް ލީކުވެފައިވާތީ އެކަމާ ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ އެ ބޭފުޅުންގެ މަސައްކަތާ ބެހޭ މައްސަލަތައް ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލާނެ ކަމަށެވެ.

Ad
rt

ޖޭއެސްސީން ބުނީ ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަ ނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުން ނުވެ، ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް ކަންކަން ނިންމަން ޖެހޭނެ ބައެއް ކަމަށެވެ.

އެހެންވެ ފަނޑިޔާރެއްގެ މަސައްކަތަށް އެއްވެސް އަމިއްލަ ފަރުދަކުން ވެސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅަކު ވެސް ނުފޫޒު ފޯރުވާ އެކަންކަމާ ބެހޭ ކަމުގެ ތުހުމަތު ކުރެވޭ ނަމަ އެކަމެއް ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ލީކުވެފައިވަނީ ގާޒީ ހުސެއިން ފާއިޒު ރަޝާދު ގެ އޯޑިއޯއެކެވެ.

އެ އޯޑިއޯގައި ޣާޒީ ވަނީ އެ ހުކުމް އެގޮތަށް އިއްވީ ދައުލަތުން ފަނޑިޔާރުންގެ ބެންޗު ރަހީނުކޮށްގެން ކަމަށާއި، ރަހީނުކުރެވޭނެ ބައިވަރު ގޮތްތައް ހުންނާނެ ކަމަށް ވިދާޅުވެފައެވެ.