ބާރުގަދަ "އައިޑާ" ތޫފާނުން ރައްކާތެރިވުމަށް އެމެރިކާއިން ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.
އެމެރިކާގެ މޫސުން ލަފާކުރާ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އައިޑާ ތޫފާންގެ ނުރައްކާތެރިކަން ބޮޑުވެ ގަލްފް އޮފް މެކްސިކޯ ސަރަޚައްދުގައި ދިރިއުޅޭ އެތަށް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ކަމާބެހޭ ފަރާތްތަކާއި ވަނީ ހަވާލުކޮށްފައެވެ.
ގަލްފް އޮފް މެކްސިކޯގެ ތެރެއިން އެމެރިކާގެ ދެކުނު އައްސޭރިއާއި ކައިރިން ކަނޑުގެ ސަރަހައްދުގައި މިހާރު އުފެދިފައި ހުރި ތޫފާން "އައިޑާ"ގެ ބާރު ގަދަވެ، ހަތަރުވަނަ ދަރަޖައިގެ ތޫފާނަކަށް ބަދަލުވެފައިވާކަމަށް އެޤައުމުގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.
ގަޑިއަކު 140 މޭލު ބާރުމިނުގައި ވައިޖެހެމުންދާ މިތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ލޫސިއާނާގެ އިރުދެކުނުގެ ބައެއް އަވަށްތަކަށްކަމަށް އެ ގައުމުގެ ނެޝަނަލް ވެދަރ ސެންޓަރުން ހާމަކޮށްފައިވެއެވެ.
މި ތޫފާންގެ ސަބަބުން ރާޅު އެރުމާއި ފެންބޮޑުވުމުން ރައްކާތެރިވުމަށް އެ އަވަށްތަކުގެ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ. އަދި އައިޑާ ތޫފާންގެ ސަބަބުން ފެން ބޮޑުވެ މިސިސިޕީ ކޯރުގެ ފެންގަނޑު ބޮޑުވެ އެއްގަމުގައި ހުރި ގޭސް ސްޓޭޝާންތަކާއި ހައިވޭތަކުގައި ރައްކާތެރިކަމުގެ ފިޔަވާޅުތައް ވަރުގަދަ ކުރުމަށް މޫސުމާއި ބެހޭ އިދާރާއިން އަންގާފައިވެއެވެ.
މި ތުފާން މިހާރު ދަތުރުކުރަމުންދަނީ 15 މޭލުގެ ބާރުމިނުގައިކަމަށާއި، ތޫފާން އެއްގަމަށް އަރައި ނަގޫރޯޅިތައް އުފެދުމުގެ އިތުރުން އުދަ އެރުމާއި އެކު އެކި ސަރަހައްދުތަކަށް ވަރަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.
އައިޑާ ތޫފާނުގެ ސަބަބުން ލިބެމުން އަންނަ ގެއްލުންތަކާއި އެކު ތޫފާނުގެ އަސަރު ކުރަމުން އަންނަ ސަރަހައްދުތަކަށް ކަރަންޓާއި މުއާސަލާތީ ޙިދުމަތްތައް ލިބުމުގައި ދަތިތަކެއްކުރިމަތި ވަމުން އަންނަކަމަށްވެސް އެމެރިކާގެ ނޫސްތަކުގައި ބުނެފައިވެއެވެ. ނަމަވެސް ފެޑެރަލް އިމަރޖެންސީ މެނޭޖްމަންޓް އެޖެންސީގެ އޮފިޝަލުންނާއި އެކު އެސަރަޚައްދުތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ކަރަންޓާއި އެހެނިގެން ވަސީލަތްތައް އެންމެ އަވަހަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށްވެސް އެމެރިކާގެ ރައީސް ބައިޑަން ވަނީ ވިދާޅުވެފައެވެ.
އެންމެ ބާރުގަދަ ތޫފާނެއް ލޫސިއާނާއަށް އަރާފައިވަނީ 1850 ވަނަ އަހަރުގައިކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ތޫފާންގެ އަސަރުކުރަމުން އަންނަ ލޫސިއާނާގައި ކޯވިޑް 19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އައުމާއި އެކު އެހިސާބުގައި ހުރި ހޮސްޕިޓަލްތަކުގައި ބާރު ބޮޑުވެފައިވާކަމަށާއި، ހޮސްޕިޓަލަކުގައި ބޭނުންކުރާނެ މިންވަރަށް ފެން ރައްކާކުރުމަށާއި ޖެނެރޭޓަރުތައް އޮޕަރޭޓްކުރުމުގެ އިންތިޒާމްތައްކުރެވެމުން އަންނަ ކަމަށްވެސް ލޫސިއާނާގ ގަވަރނަރ އެޑްވާރޑްސް ހާމަކޮށްފައިވެއެވެ.
އައިޑާ ތޫފާންގެ އަސަރު ލޫސިއާނާއަށް ކުރަމުން އަންނަ އިރު، އެންމެ ބާރުގަދަ ކެޓްރީނާ ތޫފާން އެސަރަޚައްދަށް އަރާފައިވަނީ 2005 ވަނަ އަހަރުއެވެ. މިތޫފާނުގައި 1800 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!