ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ވިދާޅުވީ، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލާފައިވާ ކަމަށެވެ.
މިގޮތުން ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
މިއަދު ނައްތާލާފައިވަނީ 425 ފުޅި ބަނގުރާ އާއި 13 ދަޅު ބަނގުރާއެވެ.
މިއީ 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 122 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.
"އެ ތަކެއްޗަކީ ހަނިމާދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެެންފައިވާ ތަކެއްޗެވެ." ފުލުހުން ވިދާޅުވެފަވެއެވެ.
ފުލުހުން ވިދާޅުވީ، ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!