ކޯވިޑް-19 އާއި ގުޅިގެން މޮނިޓަރިންގައި އޮތް ހދ. ނެއްލައިދޫ އެ ހާލަތުން ވީއްލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށް އެހާލަތުން ވީއްލާފައިވަނީ، މޮނިޓަރިންނަށްލީތާ 10 ދުވަސްފަހުން، މިއަދު މެންދުރު 12:08 އެވެ.
މޮނިޓަރިން އުވާލިކަން އަންގަމުން އެޗްޕީއޭއިން ނެއްލައިދޫ ކައުންސިލަށް ފޮނުއްވާފައިވާ ލިއުމުގައި ވިދާޅުވެފައި ވަނީ، ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މިވަގުތު އެރަށުގައި މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
ނެއްލައިދޫ ފުލޫ ކުލިނިކަށް ދެއްކި ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެޗްޕީއޭ އިން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ މިމަހު 16 ވަނަ ދުވަހުގެ ރޭ 20:13 ގައެވެ.
އަދި މި ކޭސް އާއި ގުޅިގެން އެރަށުގައި ބަލިން ރައްކާތެރިވުމުގެ ވަރުގަދަ ފިޔަވަޅު ތަކެއް އެޅިއެވެ. އެގޮތުން، ރޭގަނޑު 09:00 އިން ފަތިހު 04:00 އަށް ކާފިއު ހިންގުމާއި ކާފިއު ގަޑީގެ އިތުރުން ވެސް ޒަރޫރީ ބޭނުމެއްނެތި އެއްވެސް ފަރާތަކުން ގެއިން ބޭރަށް ނިކުތުން މަނާކުރުމާއި އަދި ޒަރޫރޫ ބޭނުމެއްގައި ގެއިން ބޭރަށް ނުކުމެ އުޅޭ ނަމަވެސް އެ ހާލަތުގައި ވެސް މާސްކް އެޅުމަށް އެރަށުކައުންސިލުން އެންގިއެވެ.
މީގެއިތުރުން ކުޅިވަރުހަރަކާތްތައް މެދުކަނޑާލުމުގެ އިތުރުން މަސވެރިކަމުގައި ފުރާ ފަރާތްތަކުން އެރަށު ކައުންސިލްގެ ހުއްދައާއި އެކު ފުރުމާއި އެފަރާތްތަކުން އެހެން ރަށްރަށަށް އެރުން ވަނީ މަނާކޮށްފައެވެ.
ނެއްލައިދޫ ހެލްތު ސެންޓަރުން "ތިލަދުން" އަށް މައުލޫމާތު ދެއްވި ގޮތުގައި 16 ވަނަ ދުވަހު ޕޮޒިޓިވްވި ކުއްޖާގެ އިތުރުން އަދި މިހާތަނަށް އެހެން އެއްވެސް ފަރާތެއް މިބައްޔަށް ޕޮޒިޓިވް ވެފައި ނުވެއެވެ.
އެރަށުން ޕޮޒިޓިވް ވެފައިވަނީ ބަލީގެ އަލާމާތް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި އެ ރަށު ސްކޫލުގެ ގްރޭޑް 9 ގައި ތަޢުލީމް ހާސިލް ކުރަމުންއައި ދަރިވަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!