އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމުގައިވާ ޓޮޓެންހަމް ހޮޓްސްޕާސްއަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ހެރީ ކޭން އެ ކުލަބުގައި މަޑުކުރަން ނިންމާފައިވާ ކަމުގައި އޭނާ ބުނެފިއެވެ.
ޓޮޓެންހަމްގައި މަޑުކުރާނެ ކަން ކޭން ހާމަ ކޮށްފައި ވަނީ މިއަދު އޭނާ ޓްވިޓާގައި ޕޯސްޓްކުރި މެސެޖެއް މެދުވެރިކޮށެވެ. އެ ޕޯސްޓްގައި ކޭން ބުނެފައިވަނީ މިދިޔަ އާދީއްތަ ދުވަހު ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓެންހަމުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ތަރުހީބު ފާހަގަކުރާ ކަމަށެވެ.
ކޭންގެ ޓްވީޓުގައި އިތުރަ ބުނެފައިވަނީ މި ސީޒަނުގައި ޓޮޓެންހަމްގައި މަޑުކޮށް ކްލަބަށް ކާމިޔާބީ ހޯދައިދޭން ސަތޭކަ އިންސައްތަ މަސައްކަތްކޮށްދޭނެ ކަމަށެވެ.
އުމުރުން 28 އަހަރުގެ ކޭން އަކީ އެ ޓީމްގެ ކެޕްޓަނެވެ. ކޭން ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 337 މެޗުގައި 221 ގޯލު ޖަހައި 47 ލަނޑު ޖަހަން އެހީތެރިވެދީފަ އެވެ. ޕްރިމިއާ ލީގުގައި ކޭން ވަނީ ޓޮޓެންހަމަށް 166 ލަނޑު ޖަހައިދީފަ އެވެ.
ކޭން މިހާރު ޓޮޓެންހަމްއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
މި ސީޒަނަށް މެންޗެސްޓާ ސިޓީގެ އެޓޭކް ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުން ގެންދަން ބޭނުންވި އެއް ކުޅުންތެރިއަކީ ކޭންއެވެ. ނަމަވެސް ސިޓީން ކޭން ގެންދިޔުމަށް ހުށަހެޅި ދެ ހުށަހެޅުން ވެސް ޓޮޓެންހަމުން ވަނީ ޤަބޫލް ނުކޮށްފައެވެ.
ކޭން ޓޮޓެންހަމް ދޫކޮށްލަން ބޭނުންވެފައި ހުރުމުން އޭނާ ވަނީ ޕްރީ ސީޒަންގައި ޓީމާއި ދުރުގައި މަޑުކޮށްފައެވެ. މި ސަބަބާއިހުރެ ލީގުގެ ފުރަތަމަ މެޗުގައި ކޭން އެ ޓީމްގައި ހިމަނާފައި ނުވެއެވެ. ނަމަވެސް އެ ޓީމް ލީގުގައި މިދިޔަ އާދީއްތަ ދުވަހު ވުލްވްސް އަތުން މޮޅުވި މެޗުގައި ކޭން ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!