ނަފްސާނީ މައްސަލަތަކަށް އެހީވުމަށް މެންޓަލް ހެލްތު ދާއިރާއިން މީހުން ބިނާކުރުމަށް އެ ދާއިރާއިން ސްކޮލަޝިޕް އަށް 30 ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަ ޕްލޭން އިފްތިތާހުކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ޕްލޭންގެ އަމާޒަކީ، ވަޒީފާތައް އަދާކުރާނެ ފަންނީ ހުނަރުވެރިން އުފެއްދުން ކަމަށެވެ.
އެކަމުގެ ސަބަބުން ރަށްރަށުގެ ވަރަށް ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށާއި ހާއްސަކޮށް ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި، އަންހެނުންނާއި ފިރިހެނުންގެ ފަރަގު ކުޑަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިގުތިސާދީ އަދި އިޖުތިމާއީގޮތުން ރާއްޖެއަށް އަންނަ ބަދަލުތަކަށް ބަލާއިރު، މީހުން ބިނާކުރަންޖެހޭ ވަރަށް ގިނަ ދާއިރާތައް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން ވެސް، މެންޓަލް ހެލްތަކީ ވަރަށް ހާއްސަ އިސްކަމެއްދީގެން މީހުން ބިނާކުރަން ޖެހިފައިވާ ދާއިރާއެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، ކްލިނިކަލް ސައިކޮލޮޖީ، ޕްރޮފެޝަނަލް ކައުންސެލިން އަދި އެޑިކްޝަން ސްޓަޑީޒް ހިމެނޭގޮތަށް މާސްޓާސް ފެންވަރުގެ 30 ސްކޮލަޝިޕަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މީހުން ބިނާކުރުމަކީ ގައުމުގެ ކުރިމަގަށްޓަކައި ރައްކާކުރެވޭ ވަރަށް އަގުބޮޑު ރައުސްމާލެއް ކަމަށެވެ. އެކަމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ހުރިހާ ބެލެނިވެރިން އެއްބާރުލުންދީ، ސަރުކާރުން ފަހިކޮށްދޭ އެ ފަދަ ފުރުސަތުތަކުގެ ބޭނުން ހިފައި ގައުމުގެ ތަރައްގީގައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ބައިވެރިވެރިވުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!