ދުނިޔޭގެ އެންމެ އަގު ބޮޑު 20 ހޮޓަލުގެ ލިސްޓުގައި ރާއްޖޭގެ 3 ހޮޓަލެއް

Joali Maldives Resort

އެމެރިކާގެ މަޝްހޫރު ޓީވީ ޝޯވއެއް ކަމަށްވާ "ލައިފް ސްޓައިލް އޮފް ދަ ރިޗް އެންޑް ފޭމަސް" އިން ކުރި ސާވޭއަކުން ދުނިޔޭގެ އެންމެ އަގު ބޮޑު 20 ހޮޓެލްގެ ލިސްޓުގައި ރާއްޖޭގެ ތިން ހޮޓަލެއް ހިމެނިއްޖެއެވެ.

މި ސާވޭއަކީ ލީޑިން ބުކިންގްސް ވެބްސައިޓްތަކަށް ބަލައި، ޓީވީ ޝޯވ ލައިފް ސްޓައިލް އޮފް ދަ ރިޗް އެންޑް ފޭމަސް އިން ހަދާފައިވާ ސާވޭ އެކެވެ.

މިލިސްޓްގައި ހިމެނިފައިވާ ހޮޓާތަކުގެ ތެރޭގައި ލިސްޓްގެ 10 ވަނާގައި ރާއްޖޭގެ "ދި ނޯޓިލަސް" ހިމެނިފައިވާއިރު، ލިސްޓްގެ 14 ވަނާގައި ރާއްޖޭގެ "ފޯރ ސީސަންސް މޯލްޑިވްސް" އަދި ލިސްޓްގެ 16 ވަނާގައި "ޖޯލި މޯލްޑިވްސް" ހިމެނިފައި ވެއެވެ.

މިދިޔަ ޖުލައިމަހު ކުރިއަށް ގެންގޮސްފައިވާ މިސާވޭގައި، އޯގަސްޓް މަހު ހޮޓެލްގެ ޑަބަލް ރޫމްއެއްގެ އެންމެ ކުޑަ އަގަކާއި މެދު ވަނީ ސާވޭ ހަދާފައެވެ. ހުރިހާ އަގެއްވެސް ބަލާފައިވަނީ ލީޑީންގ ބުކިންގްސް ވެބްސައިޓްތަކުގައި ހިމަނާފައިވާ އަގުތަކަށެވެ. ސަފާރީ، ލޮޖްތައް މި ލިސްޓުގައި ހިމަނާފައެއް ނުވެއެވެ.

ތިން ރޭ ހޮޓެލްގައި ހޭދަވާނެ ޚަރަދަކީ ކޮބައިތޯ ބަލާ ހަދާފައިވާ މިސާވޭގައި އެންމެ ކުޑަ އަގެއްގައި ހޮޓެލް ބުކިންގް ހެދެނީ 4 ރޭ ހޮޓެލްގައި ރޭ ކުރާ ގޮތަށްކަމަށް ދިރާސާއިން ދައްކައެވެ.

ރާއްޖޭގެ ހޮޓެލްތަކުގެ އިތުރުން ދެން މިލިސްޓްގައި ހިމެނޭ ހޮޓެލްތަކަކީ، އެމެރިކާގެ 5 ހޮޓެލަކާއި، އިޓަލީގެ 4 ހޮޓެލަކާއި، ފިޖީގެ 4 ހޮޓެލަކާއި، އަމަން ރިސޯރޓްސްގެ 3 ހޮޓެލެއްގެ އިތުރުން ފޯރސީސަންސްގެ 4 ހޮޓެލެކެވެ.

ހޮޓެލްގައި ހޭދަކުރާ ރޭތަކަށް އަރާނެ އަގާއި އެކު ލިސްޓް ނެރެފައިވާއިރު، ހޮޓެލްތައް ބުކް ކުރަންވީ ކޮންކަހަލަ ބޭނުންތަކެއްގައިކަންވެސް ހިމަނާފައިވެއެވެ. އެގޮތުން ބ. އަތޮޅުގައި އޮންނަ ރާއްޖޭގެ "ދި ނޯޓިލަސް" އަށް ރެއަކަށް 2875 އެމެރިކާ ޑޮލަރު ޚަރަދުވާއިރު، އެ ހޮޓެލްއަކީ އާއިލާއާއި އެކު ވަގުތު ހޭދަކޮށްލުމަށް ނުވަތަ އުފަންދުވަސް ފާހަގަކޮށްލުމަށް ވަރަށް ހިތްގައިމު ތަނެއްކަމަށް ފާހަގަކޮށްފައިވެއެވެ.

"ފޯ ސީސަންސް މޯލްޑިވްސް" އަށް ރެއަކަށް 2704 އެމެރިކާ ޑޮލަރު ޚަރަދުވާއިރު، މިއީ މަންތާ އެންމެ ގިނައިން އުޅޭ ސަރަޚައްދުކަން ފާހަގަކޮށްފައިވެއެވެ. ވެލާގެ އިތުރުން އެރިސޯޓްގެ ބީޗްއަދި ރަށު ތެރޭގެ ހިތްގައިމުކަމުގެ ވާހަކަތައްވަނީ ފާހަގަކޮށްފައެވެ. ހޮޓެލްއިން ލިބޭ ސްޕާ އަދި އަޔުރްވެދިކް ޔޯގާގެ ޙިދުމަތްތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމަށް ލަނޑާގިރާވަރުން ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭ ގޮތުން ސަރވޭގައި ދިރާސާކޮށްފައިވެއެވެ.

ޖޯލި މޯލްޑިވްސްއާއި ބެހޭ ގޮތުން ބުނެފައިވަނީ، އެ ހޮޓާ ހުންނަ ސަރަޚައްދުގެ ހިތްގައިމުކަމުގެ ވާހަކަތަކުންނެވެ. މި ރިސޯޓުގައި ހުރުމަށް ރެއަކު 2525 ޑޮލަރު ހޭދަކުރަންޖެހޭ ކަމަށް މި ސާވޭގައި ބުނެފައި ވެއެވެ.

މި ލިސްޓުގެ 1 ވަނާގައި އޮތް ފްރާންސްގެ "ދަ ބްރަންޑޯ"ގައި ޗުއްޓީ ހޭދަކުރުމަށް ރެޔަކަށް 4،818 ޑޮލަރު ހޭދަވާކަމަށް ބުނެފައިވާއިރު، ލިސްޓްގެ 2 ވަނާގައި އޮތް އެމެރިކާގެ "އަމަންގިރި"ގައި ޗުއްޓީ ހޭދަކުރުމަށް ރެޔަކަށް 4،298 ޑޮލަރު ހޭދަވެއެވެ. ލިސްޓްގެ 3 ވަނާގައި އޮތް "އަނަންތަރާ މައިއާ ސީޝެލްސް"ގައި ޗުއްޓީ ހޭދަކުރުމަށް ރެޔަކަށް ހޭދަވަނީ 4،059 ޑޮލަރު ކަމަށް އެ ސާވޭގައި ބުނެފަވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *