މާލޭގެ ފިހާރައަކަށް ސައްހަނޫން ސްލިޕެއް ފޮނުވައިގެން މަކަރާއި ހީލަތުން 171،292 ރުފިޔާގެ ވިޔަފާރިކޮށްފި އެވެ.

ފުލުހުން ވިދާޅުވީ، މި އޮގަސްޓު މަހުގެ 16 އަދި 17 ވަނަ ދުވަހު މާލޭގެ ފިހާރައަކުން، އޮޅުވައިލާއިގެން މަކަރާއި ހީލަތުން ކޮށްފައިވާ މި ވިޔަފާރީގަ ހިމެނޭ ތަކެތި ހޯދައި އެ ތަކެތީގެ ވެރިފަރާތާ މިހާރު ހަވާލުކުރެވިފާ ވާކަމަށެވެ.

Ad
rt

މަކަރާއި ހީލަތުން ފޭކް ސްލިޕެއް ފޮނުވައިގެން އެ މީހާ ވިޔަފާރި ކޮށްފައި ވަނީ، މާލޭގައި ހިންގާ ޑައިވް ޝޮޕަކުންނެވެ. އެތަނުން ޑައިވް ކޮމްޕްރެޝަރަކާއި އެއާ ގުޅުންހުރި ތަކެތި ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅަފައިވަނީ އިއްޔެގެ ވަގުތެއްގަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މައްސަލަ ހުށަހެޅުމާއެކު އެތަކެތި ހޯދުމަށް ފުލުހުންނާއި އެ ފިހާރައިގެ މުވައްޒަފުން ގުޅިގެންވަނީ ހާއްސަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ކުރެވުނު މަސައްކަތުން އެ ތަކެތި ފެނިފައިވަނީ މާލޭ ފަޅުގައި އޮތް ބޯޓަކަށް އަރުވާފައިހުއްޓަކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

"އެ ތަކެތި ހޯދުމުގައި ފިހާރައިގެ މުވައްޒަފުންގެ ފަރާތުން ފުލުހުންނަށް ލިބިފައިވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު ދަންނަވަމެވެ." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މައްސަލާއާއި ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައިވާނުވާއިރު މި މައްސަލަ މިހާރު އަންނަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންނެވެ.