ގައުމު ދޫކޮށް ވަޑައިގަތީ ފައިސާ ހިއްޕަވައިގެން ނޫންކަމަށް އަފްގާނިސްތާންގެ ރައީސް އަޝްރަފް ގަނީ ވިދާޅުވެއްޖެއެވެ.
އެކުވެރި އަރަބި އިމާރާތުގައި ހުންނަވާ ފޭސްބުކް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ގަނީ ވިދާޅުވެފައިވަނީ އޭނާ ޤައުމު ދޫކުރެއްވި އިރު އެއްވެސް ފައިސާއެއް ގެންގޮސްފައިނުވާނެކަމަށެވެ.
ގައުމު ދޫކޮށް ވަޑައިގަތްއިރު މިލިއަނުން ފައިސާ ގެންގޮސްފައިވާ ކަމަށް އޭނާގެ މައްޗށް ކުރަމުން އަންނަ ތުހުމަތުތަކަށް އިންކާރުކުރައްވާ މި ވީޑިއޯގެ ޒަރިއްޔާއިން މިކަމާއި ބެހޭގޮތުން ވާހަކަފުޅުދައްވަމުން އޭނާ ވިދާޅުވީ، ޤައުމު ދޫކުރައްވާ ވަޑައިގެންފައި މިވަނީ ސަރުކާރުގެ އިސްވެރިންނާއި ވެސް މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
އޭނާ ކާބުލް ދޫކުރައްވާ ފުރާ ވަޑައިގެންނެވީ ޤައުމު ލޭ އޮހޮރުވުމަކަމަށް ދިޔަ ނުދިނުމަށްކަމަށާއި، ޔަމަން އަދި ސީރިއާގައި ކުރަމުން އަންނަ ފަދަ ހަނގުރާމައެއް އަފްގާނިސްތާނުގައި ފެށިދާނެކަމުގެ ބިރު އޮތުމާއެކު ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ރައީސް ގަނީއާއި މެދު ކުރެވެމުންދާ ތުހުމަތުތަކަށް އިންކާރުކުރައްވާ އޭނާ ވިދާޅުވެފައިވަނީ އޭނާ ގެންދިޔަ އެއްޗެސް އެއާރޕޯޓް ކަސްޓަމްސްއަށް އިންގޭނެކަމަށާއި ހިފައިގެން އައިސްފައި ވާނީ ތުރުކުރައްވައިގެން ހުންނެވި ކޯޓުގެ އިތުރުން ބައެއް އަންނައުނުކަމަށެވެ. ފައިސާ ގެންގޮސްފައިވާކަމަށް އެބުނަ ވާހަކައަކީ ހަމަ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް ގަނީ ވިދާޅުވިއެވެ.
ގައުމުގެ ހާލަތު ހަމައަކަށް އެޅުމުން އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ގަނީ ވަނީ ވިދާޅުވެފައެވެ.
ރައީސް ގަނީ ގައުމު ދޫކުރައްވާފައިވާއިރު، ބުދަ ދުވަހު އެކުވެރި އަރަބި އިމާރާތުން ވަނީ ރައީސް ގަނީ އެޤައުމުގެ ހިމާޔަތުގެ ދަށުގައި ހުންނެވިކަމަށް އާންމުކޮށް އިޢުލާންކޮށްފައެވެ.
ރައީސް ގަނީ މިފަދައިން ވިދާޅުވެފައިވާއިރު، ތަޒިކިސްތާނުގެ އެމްބެސެޑަރު މުޙައްމަދު ޒާހިރު ވިދާޅުވެފައި ވަނީ ގަނީ ފުރާވަޑައިގެންފައި ވަނީ ދަޢުލަތަށް މާލިއްޔާއިން 169 މިލިއަން ޑޮލަރު ހިފައިގެންކަމަށެވެ. އަދި ގަނީ ހައްޔަރުކުރުމަށްވެސް އޭނާވަނީ ގޮވާލާފައެވެ.
އާދިއްތަ ދުވަހު ތާލިބާނުން އަފްގާނިސްތާންގެ ވެރިރަށް ކާބުލް ހިފުމާއި އެކު ރައީސް ގަނީ ވަނީ ޤައުމު ދޫކުރައްވާ ފުރާވަޑައިގެންފައެވެ. މިކަމާއި ގުޅިގެން ސަރުކާރުގެ ގިނަ މިނިސްޓަރުންތަކެއް ވަނީ ގަނީގެ މިއަމަލާއި މެދު ފާޑުވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!