ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި އޭނާ ހުންނަވަނިކޮށް، ކުޑަކުދިން ބޭނުންކޮށްގެން ކުށް ކުރާ މީހުންނަށް އެ އަމަލު ހިންގަން ޖާގަ ނުދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ، މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ދައުވާ ކުރުމާގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ހާމަ ކުރެއްވުމަށް މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ޝަމީމް ވިދާޅުވީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ބަޔާންތައް ކިޔުއްވާފައި އެ މައްސަލައާއިގުޅޭ ފޮޓޯތައް ނުބައްލަވާ ކަމަށާއި، ސަބަބަކީ ބަޔާންތައް ކިޔުއްވާފައިވެސް ވަރަށް އުނދަގޫވި ކަމަށާއި އަދި ފޮޓޯތައް ބެއްލެވިނަމަ މައުލޫމާތު ދެއްވަން ނޫސްވެރިންގެ ބައްދަލުވުމަށް ވަޑައިނުގެންނެވޭނެކަމަށެވެ. އޭނާ ވިދާޅުވީ އެއީ "ވަރަށް އެހެންކަހަަލަ ގޮތަކަށް ހިނގާފައި އޮތްކަމެއް" ކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ކުޑަކުދިން ބޭނުންކޮށްގެން ކުއްކުރާ މީހުންނަށް ވަރަށް ސާފު މެސެޖެއް ދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

"މިސަކަރާތެއް ނުޖެހޭނެ، އަޅުގަނޑު މި މަގާމުގައި ހުރެގެން މިކަން ކުރާކަށް ޖާގައެއް ނުދޭނަން، ކިރިޔާވެސް ދައުވާއެއް ކުރެވެން އޮތިއްޔާ މިކަހަލަ މިކަހަލަ ކަންކަމުގައިއުޅޭ މީހުންގެ މައްޗަށް، ބައެއް މީހުންނަށް ގަބޫލު ކުރެވޭ ކުޑަކުދިން ބޭނުންކުރީމަ ކުޑަކުދިންނަށް ދައުވާއެއް ނުކުރާނޭ، ތެދެއް ކުޑަކުދިންނަށް ދައުވާ ކުރުމުގައި ގާނޫނީ ހިފެހެއްޓުން ތެރިކަމެއް އެބަހުރި، އެކަމަކު ކުޑަކުއްޖަކު ބޭނުންކުރާ މީހެއްގެ މައްޗަށް ދައުވާކުރާކަށް ގާނޫނީ ހިފެހެއްޓުންތެރިކަމެއް ނެތް،"

ގާނޫނުގައި ބޭނުންކުރެވެން ހުރި މާއްދާތައް ބޭނުން ކުރައްވައިގެން ކުޑަކުއްޖަކު ބޭނުންކުރުމުގެ އިތުރުން ކުޑަކުއްޖަކު ބޭނުންކުރީތީ އެކަމަށް ވެސް ވަކި ދައުވާއެއް ކުރައްވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. މި މައްސަލާގައި ވެސް އެފަދަ ދައުވާއެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ މި މައްސަލައާއިގުޅިގެން ބައެއް ވާހަކަތައް ދައްކަން ގާނޫނީ ގޮތުންވެސް އަދި އަމިއްލައަށް ކުރެއްވޭ އިހްސާސްތަކާހެދިވެސް އުނދަގޫކަމަށެވެ.

ޕީޖީ ޝަމީމް ވަނީ، މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން (27)، މައްޗަށް 13 ދައުވާއެއް އުފުލަން ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.