ޖަޕާނު ސަރުކާރުން ދިވެހިރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަނަށް، ވިޝަން އެންޑް ހިއަރިން ސްކްރީނާޒް ހަދިޔާކޮށްފިއެވެ.

މިއީ ޖަޕާނުގެ ގްރާންޓް އެސިސްޓެންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިޔުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ)ގެ ދަށުން ދިވެހިރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަނަށް ފޯރުކޮށްދިން އެހީތެރިކަމެކެވެ.

Ad
rt

މި ތަކެތި ހަދިޔާކޮށްފައިވަނީ އިއްޔެ އެކަމަށްޓަކައި ބޭއްވި ހާއްސަ ހަަފްލާއެއްގައެެވެ. މި ހަަފްލާގައި ޖަޕާނުން ރާއްޖެއަަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ކެއިކޯ ޔަނާއީ ބައިވެރިވެ ވަޑައިގަތެވެ.

އޯޓިޒަމް އެސޯސިއޭޝަނުން ވަނީ ޖަޕާންގެ މި އެހީތެރިކަން ފާހަގަކޮށް ޖަޕާން ސަރުކާރަށާއި، އަދި އެމްބެސެޑަރު ކެއިކޯ ޔަނާއީއަށް ޝުކުރު އަދާކޮށްފައެވެ.

ޖަޕާނުގެ ގްރާންޓް އެސިސްޓެންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިޔުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ) އަކީ ޖަޕާނުގެ ގެ އޮފިޝަލް ޑިވެލޮޕްމަންޓް އެސިސްޓެންސް ގެ ތެރެއިން ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީ އިސްވެ އެހީތެރިވުމުގެ ގޮތުން އުފައްދާފައިވާ އެސިސްޓެންސް ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ތައުލީމަށާއި، ދަތުރުފަތުރާއި، ސިއްހަތުގެ އިތުރުން އެހެނިހެން ދާއިރާތަކަށް ބޭނުންވާ އެހީތެރިކަން ޖަޕާނުގެ ފަރާތުން ލިބިގެންދާނެއެވެ.

ޖަޕާނު ސަރުކާރަކީ އަބަދުވެސް ދިވެހިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެމުން އަންނަ މަދަދުގާރެކެވެ. މިގޮތުން ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، ސިއްހީ ހިދުމަތް ކުރިއަރުވައި، އުމްރާނީ ތަރައްގީގެ އެންމެ އެހީތެރިކަން ފޯރުކޮށްދޭ އެއް ބައިވެރިއަކީ ޖަޕާނެވެ.

ދިވެހިރާއްޖޭން ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ޖަޕާނުން އަންނަނީ ބޮޑެތި އެހީތަކެއް ފޯރުކޮށް ދެމުންނެވެ. މިގޮތުން މިއަހަރުގެ ޖެނުއަރީ މަހު އެ ގައުމުން ވަނީ 5.6 މިލިއަން އެމެރިކާ ޑޮލަރުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ.

މީގެއިތުރުން ވެސް ޖަޕާނަކީ ޒަމާނުއްސުރެ ރާއްޖެއަށް ގިނަ އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ޤައުމެއްކަން ފާހަގަ ކޮށްލެވެއެވެ. މި ގޮތުން މިފަހުން ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ބަލާއިރު، 128 މިލިއަން ޖަޕަނީސް ޔެން ނުވަތަ 19 މިލިއަން ރުފިޔާގެ އަގުހުރި މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ 24 ދަރިވަރަކަށް ޖާޕަނު ސަރުކާރުގެ ޚަރަދުގައި ހަމަޖައްސައި ދިނުމުގެ އެއްބަސްވުމުގައި 2020 ވަނަ އަހަރުގެ އޯގަސްޓް 5 ވަނަ ދުވަހު ވަނީ ސޮއިކޮށްފައި އެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ ޖޫން 7 ވަނަ ދުވަހު ވަނީ ރާއްޖެއަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ގަތުމަށް، ޖަޕާނު ސަރުކާރުން ރާއްޖެއަށް 86.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ހަމަ އެ އަހަރުގެ މޭމަހުގެ 21 ވަަނަ ދުވަހުވެސް ޖަޕާނާއި ދިވެހި ސަރުކާރާއި ދެމެދު ވަނީ ބޮޑު އެހީގެ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. އެފަހަރު ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މޯލްޑިވްސް އިމިގްރޭޝަންގެ ގާބިލްކަން އިތުރުކުރުމަށް ޖަޕާނު ސަރުކާރުން 68.7 މިލިޔަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ނިންމާފައެވެ.

އެމްއެންޑީއެފްގެ މެރިޓައިމް ޕޮލިއުޝަން ރެސްޕޯންސް ވަރުގަދަ ކުރުމަށް ބޭނުންވާނެ ސާމާނު ހޯދުމަށް މިދިޔަ އަހަރުގެ އޯގަސްޓް 17 ވަނަ ދުވަހު ވެސް ޖަޕާނު ސަރުކާރުގެ ފަރާތުން ވަނީ ރާއްޖެއަށް 2.8 މިލިއަން ޑޮލަރުގެ އަގު ހުރި ސާމާނުގެ އެހީއެއް ދީފައެވެ.

މީގެއިތުރުން ވެސް ޖަޕާނުން ގިނަ މަތީތައުލީމްގެ ފުރުޞަތުތަކާއި، މާލީ އަދި ސާމާނުގެ އެހީތެރިކަން ފޯރުކޮށް ދެމުން އަންނައިރު 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުވެސް ޖަޕާނުން ވަނީ 21 ޕެރަމެޑިކް އެމްބިއުލާންސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި އެހީގެ ދަށުން ހަދިޔާކުރި އެމްބިއުލާންސް 15 އަތޮޅެއްގެ 21 ރަށަށް ވަނީ ހަދިޔާކޮށްފައެވެ.