ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތިމަރަފުށީ މަސްވެރިންނާ ވިޔަފާރިވެރިންނާ ރޭ ބައްދަލު ކުރައްވައިފިއެވެ.
ތިމަރަފުށީ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި، ރައީސް ޞާލިޙް ވަނީ ތިމަރަފުށީ މަސްވެރިންނާ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތ. އަތޮޅުގެ ތަރައްޤީއަށް ވަރަށް ގިނަ ކަންކަން ރާވައިފައިވާ ކަމަށާއި، ނަމަވެސް ކޯވިޑް ގެ ސަބަބުން ކަންކަން ކުރުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަ ކުރައްވައިފައެވެ. ޙާއްޞަކޮށް އެމަނިކުފާނު ވަނީ ކޯވިޑްގެ ސަބަބުން އިޤްތިޞާދަށް ލިބުނު ގެއްލުންތައް ކުޑަކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށް ޖެހުމަަށް ސަރުކާރުން ގޮތްތަކެއް ފަހިކޮށްދެެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.
ވިޔަފާރިތަކަށް އެސްޑީއެފްސީގެ ހުރި ލޯނުގެ ފުރުޞަތުތަކާ ގުޅެގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް އެސްޑީއެފްސީގެ ޓީމެއް ތިމަރަފުށްޓަށް ފޮނުވާދެއްވާނެކަމަށް ރައީސް ވަނީ މި ބައްދަލުވުމުގައި ވިދާޅުވެފައެވެ.
މަސްވެރިކަމާ ގުޅޭގޮތުން ސަރުކާރުން ރާވާފައިވާ ކަންކަމާއި، ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިންނަށް ތަފްޞީލުތައް ދެއްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ތ. ފުނައްޑޫ އާ ގުޅޭގޮތުން ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާއި މަސް ކިރުމުގައި އަގަށް ގެނައި ބަދަލު މުރާޖަޢާކުރައްވާނެ ކަމުގައި ވެސް ވިދާޅުވެފައެވެ.
President @ibusolih meets with entrepreneurs, small business owners and the fisher community in Thimarafushi Island. pic.twitter.com/31qUIFSAMj
— The President's Office (@presidencymv) August 17, 2021
މީގެ އިތުރުން ވެސް ރައީސް ޞާލިޙް ވަނީ ތިމަރަފުށީގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައި ތިމަރަފުށީގެ ވިޔަފާރިވެރިންނާ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.
ރައީސްގެ މި ދަތުފުޅުގައި ވަނީ ތިމަރަފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ވެސް ރޭ ބައްދަލު ކުރައްވާފައެވެ.
ރައީސް ޞާލިޙް މިހާރު ތިމަރަފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. އެމަނިކުފާނު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ފެއްޓެވީ އިއްޔެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!