ބެލްޖިއަމްގެ އެއްނަމްބަރު ގޯލްކީޕަރ ތިބައޫ ކޯޓުއާ ރެއާލް މެޑްރިޑާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

ކޯޓުއާ އިތުރު ފަސް އަހަރު ރެއާލަށް ކުޅުމަށް އެއްބަސްވެފައިވާއިރު، މި އެއްބަސްވުމުގެ ދަރުށުން ކޯޓުއާ ރެއާލްގައި 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މަޑު ކުރާނެއެވެ. ކޯޓުއާ ރެއާލާއި އެކު ހަދާފައިވާ އެއްބަސްވުން އައު ކޮސްފައިވަނީ މި ހަފްތާގެ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

Ad
rt

ކުރިން ސްޕެނިޝް ލީގުގެ އެތުލެޓިކޯ މެޑްރިޑަށް ވެސް ކުޅެފައިވާ އުމުރުން 29 އަހަރުގެ ކޯޓުއާ ރެއާލަށް ބަދަލުވެފައި ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަބާރެއް ކަމުގައިވާ ޗެލްސީގެ ގޯލްކީޕަރުގެ ގޮތުގައި ހުރުމަށް ފަހު 2018 ވަނަ އަހަރު 35 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގެ ދަށުންނެވެ.

ސްޕެނިޝް ލީގުގައި މި ސީޒަންގައި ރެއާލްއާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗަކީ ރެއާލްގެ ޖޯޒީގައި އޭނާ ކުޅުނު 130 ވަނަ މެޗެވެ. އެ މެޗު ރެއާލުން ވަނީ 4-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ.

ރެއާލްގެ އެއްބަސްވުން އާކުރުމަށް ފަހު ކޯޓުއާ ބުނެފައިވަނީ އައު އެއްބަސްވުމެއް ލިބުމުގެ އަސްލަކީ ފާއިތުވެ ދިޔަތަނުގައި ރަނގަޅު ކުޅުމެއް ދެއްކިފައުވުން ކަމަށެވެ. ވުމާއެކު ކުރިއަށް އޮތްތަނުގައި އިތުރަށް މަސައްކަތްކޮށް ރެއާލްއާއި އެކު އިތުރު ކާމިޔާބީތައް ހޯދުމަށް ބޭނުންވާ ކަމުގައި އޭނާ ވަނީ ބުނެފައެވެ.

ކޯޓުއާ މިހާތަނަށް ރެއާލާއިއެކު ސްޕެނިޝް ލީގާއި ސްޕެނިޝް ސްޕަކަޕްގެ އިތުރުން ފީފާ ކުލަބް ވޯލްޑް ކަޕްވެސް ވަނީ ކާމިޔާބު ކޮށްފައެވެ.