ހދ . ނެއްލައިދޫ ފުލޫ ކުލިނިކަށް ދެއްކި ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނައުމާއިއެކު އެރަށުގައި ރައްކާތެރިކަމުގެ ގޮތުނަ އަޅާފައިވާ ފިޔަވަޅުތަށް އިތުރަށް ވަރުގަދަ ކޮށްފިއެވެ.
އެ ރަށުން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ ބަލީގެ އަލާމާތް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި އެ ރަށު ސްކޫލުގެ ގްރޭޑް 9 ގައި ތަޢުލީމް ހާސިލް ކުރަމުންއައި ދަރިވަރެކެވެ. މި ކޭސްއާއި ގުޅިގެން އެޗްޕީއޭއިން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ 16 އޯގަސްޓް 2021 ވީ ހޯމަ ދުވަހުގެ ރޭ 20:13 ގައެވެ.
އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން ނެއްލައިދޫ ކައުންސިލުން ވަނީ އެ ރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. މިގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ވެސް ރޭގަނޑު 09:00 އިން ފަތިހު 04:00 އަށް ކާފިއު ހިންގުމަށް މިހާރު ވަނީ ނިންމާފައެވެ. ވުމާއިއެކު އެ ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުން ކައުންސިލުން ވަނީ މަނާކޮށްފައެވެ.
މީގެއިތުރުން ކާފިއު ގަޑީގެ އިތުރުން ވެސް ޒަރޫރީ ބޭނުމެއްނެތި އެއްވެސް ފަރާތަކުން ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި، އަދި ޒަރޫރޫ ބޭނުމެއްގައި ގެއިން ބޭރަށް ނުކުމެ އުޅޭ ނަމަވެސް އެ ހާލަތުގައި ވެސް މާސްކް އަޅައިގެން އުޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ފިހާރަތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުކުރުމަށާއި އަދި ކުޅިވަރު ހަރަކާތްތައް މެދުކަނޑާލުމަށް ވެސް އެ ކައުންސިލުން ވަނީ ނިންމާފައެވެ.
މީގެއިތުރުން މަސްވެރިކަމަށް ފުރާ އުޅަނދުތަކުން ކައުންސިލްގެ ހުއްދަ ހޯދުމަށާއި އަދި މިގޮތަށް ފުރާ އުޅަނދުފަހަރުގެ މީހުން
އެހެން ރަށްރަށަށް އެރުން ވެސް ކައުންސިލުން ވަނީ މަނާކޮށްފައެވެ. އަދި މިސްކިތަށް ދާފަރާތްތަކުން މިސްކިތަށް ދާއިރު ގެއިން ވުޟޫ ކޮށްގެން މުޞައްލަ ހިފައިގެން ދިޔުންމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!