އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ލީގުގެ ފެށުން ޔުނައިޓެޑުން ރަނގަޅު ކޮށްފިއެވެ.

ހޮނިހިރު ދުވަހު ހަވީރު މެންޗެސްޓާގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ޕޮގްބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބްރޫނޯ ފެނާންޑޭޒްއެވެ.

މެޗުގެ ދެވަނަ ހާފު ޔުނައިޓެޑް ކުރީގައި އޮވެގެން ފެށިނަމަވެސް ލީޑްސްއިން ވަނީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ލޫކޭ އައިލިންއެވެ.

ލީޑްސްއިން މެޗުގެ ނަތީޖާ ހަމަހަކުރިތާ ތިން މިނޓް ފަހުން ޔުނައިޓެޑުން ވަނީ ލަނޑުޖަހައި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު ޕޮގްބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ގްރީންވުޑެވެ. މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ތިންވަނަ ލަނޑު ޖެހުމަށް ވެސް ފުރުޞަތު ތަނަވަސް ކޮށްދީފައި ވަނީ ޕޮގްބާއެވެ. މި ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ބްރޫނޯ ފެނާންޑޭޒްއެވެ.

މެޗުގައެ 60 ވަނަ މިނެޓުގައި ލިންޑަލޯފް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލަނޑުޖަހައި ބްރޫނޯ ފެނާންޑޭޒް ވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ. މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ފަސްވަނަ ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ފްރެޑެވެ. މި ލަނޑު ޖެހުމަށް ވެސް ފުރުޞަތު ތަނަވަސް ކޮށްދީފައި ވަނީ ޕޮގްބާއެވެ.

މި މެޗުގައި ޔުނައިޓެޑުން ވަނީ މި ސީޒަނަށް ޓީމް ވަރުގަދަ ކުރުމުގެ ގޮތުން ބްރޫޝިއާ ޑޯޓްމަންޑުން ގެނައި އިންގްލެންޑްގެ ޒުވާން ފޯވާޑް ސަންޗޯއަށް މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުމުގެ ފުރުޞަތުދީފައެވެ. އަދި މެޗު ފެށުމުގެ ކުރިން ޔުނައިޓެޑުން ވަނީ އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން ދައްކާލާފައެވެ. ވަރާނޭ ރެއާލް މެޑްރިޑުން ޔުނައިޓެޑަށް ބަދަލުވެފައި ވަނީ 34 މިލިއަން ޕައުންޑްގެ ފީ އެއްގެ ދަށުން ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.