ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ހަދަންޖެހޭ ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި ހުށަހަޅަންޖެހޭ ތާރީޚް ނޮވެމްބަރު މަހުގެ ނިޔަލަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިތުރު ކޮށްދީފިއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ތެރޭގައި ކައުންސިލަރުން މަޤާމުގެ ހުވާކުރާ މުއްދަތުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި ރަށު ފެންވަރުގައި ތަރައްގީގެ ޕްލޭނެއް އެކުލަވާލައި ހުށަހަޅަން ޖެހެއެވެ.
ނަމަވެސް މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު އަލަށް ހުވާކުރި ކައުންސިލްތަކަށް މި ފާއިތުވި މުއްދަތުގައި ރާއްޖޭގެ ކޯވިޑް ހާލަތު ގޯސްވުމާއި ގުޅިގެން ގިނަރަށްތަކެއް މޮނީޓަރިންގައި ގިނަ ދުވަސްތަކެއް ހޭދަވެގެން ދިޔުމާއިއެކު، ޕްލޭން އެކުލަވާލުމަށް ބާއްވަންޖެހޭ ގިނަ ބައްދަލުވުންތައް ބޭއްވުމަށް ކައުންސިލްތަކަށް ދަތިތަކާއި ކުރިމަތިވުމުން ކައުންސިލްތަކުން ވަނީ އެލްޖީއޭގައި މުއްދަތު އިތުރުކޮށްދިނުމަށް ވެސް އެދިފައެވެ.
ރަށްރަށުގެ ތަރައްޤީގެ ޕްލޭން ނިންމައި ހުށަހަޅުމަށް މުއްދަތު އިތުރުކުރުމަށް ކައުންސިލްތަކުން އެދެމުންދާތީ ނިމިދިޔަ ހަފްތާގެ ތެރޭގައި އެލްޖީއޭއިން ވަނީ ރަޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
އެ ބައްދަލުވުމުގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގެ ދަށުން ލިބޭ އިސްތިސްނާއިން ކައުންސިލްތަކަށް ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މުއްދަތު އިތުރުކޮށްދިނުމާއި ގުޅޭގޮރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައެވެ.
މިގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ޤާނޫނުގެ ދަށުން ލިބިދޭ ބާރުތަކުގެ ދަށުން ތަރައްޤީ ޕްލޭން އެކުލަވާލައި ހުށަހަޅަންޖެހޭ މުއްދަތު އެލްޖީއޭއިން މި ވަނީ 30 ނޮވެމްބަރ 2021 ގެ ނިޔަލަށް އިތުރުކޮށް ދިނުމަށް ނިންމައި، ކައުންސިލްތަކަށް އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!