ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ލޯގޯ ފާސްކޮށްފި އެވެ.

މިލޯގޯ ފާސްކޮށްފައިވަނީ އެކައުންސިލްގެ 4 ވަނަ ދައުރުގެ 12 ވަނަ އާންމު ޖަލްސާގަ އެވެ.

Ad
rt

ކުޅުދުއްފުށި ސިޓީ ކައުންސިލުން "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިޖަލްސާގައި ލޯގޯގެ އިތުރުން ކައުންސިލްގެ ރަސްމީ ކުލަވެސް ފާސްކޮށްފައިވާ ކަމަށެވެ. ކައުންސިލްގެ ރަސްމީ ކުލައިގެ ގޮތުގައި ފާސްކޮށްފައިވަނީ ގޯލްޑް އާއި ނޭވީ ބުލޫ އެވެ.

އެކައުންސިލުން ވިދާޅުވީ، ކައުންސިލްގެ ލޯގޯއިން ރަމްޒުކޮށް ދެނީ ޒަމާނުންސުރެ ކުޅުދުއްފުއްޓަކީ މާލިމީންގެ ރަށެއް ކަމަށާއި ކުޅުދުއްފުށީގެ ބޮޑު އާބާދީ އަކީ ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކަނޑުމަތީގައި މަސައްކަތް ކުރާ ފަރާތްތަކެއްކަމަށެވެ.

މީގެ އިތުރުން ކުޅުދުއްފުށީގެ އިޤްތިސާދުގެ ބޮޑުބައެއް ބިނާވެފައި އޮންނަނީ ކަނޑު ދަތުރު ފަތުރުގެ މަށްޗަށްކަމަށާއި ކުޅުދުއްފުއްޓަކީ އަބަދުވެސް ރާއްޖޭގެ ނިސްބަތުން ކަނޑު ދަރުތު ފަތުރު ކުރުމުގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ ރަށެއްކަމަށެވެ.

ރާއްޖޭގެ ޑިމޮކްރަސީގެ ޒަމާނީ ބާބު ފެށުނު ދަތުރު، ކުޅުދުއްފުށި އިސްވެ އޮވެ ސަރަހައްދުގެ ރައްޔިތުންގެ ހައްގުގައި ކުރި "އުތުރު އަރުމާޒު" ދަތުރު ވެސް މިލޯގޯއިން ރަމްޒުކޮށްދޭކަމަށް ވިދާޅުވި އެވެ.

ސިޓީ ކައުންސިލާ އެކު ކުޅުދުއްފުށި މި ފެށީ ތަރަށްޤީގެ މުޅިން އައު ދަތުރެއްކަން މިލޯގޯއިން ދައްކުވައިދޭކަމަށެވެ.

"ލޯގޯގެ ވަށް ބުރުން އެފެންނަނީ ރޯނު، ކުޅުދުއްފުށީގެ ހީވާގި ކަނބަލުން ޒަމާނުންސުރެ ކުރަމުން އަންނަ ވަރަށް ފަންނީ އިޤްތިސާދީ މަސައްކަތެއް"

އެކައުންސިލުން މަޢުލޫމާތުދެމުން ވިދާޅުވި އެވެ.

ރޯނު ވެށުމަކީ، އަދި މުޅި ރާއްޖޭގަވެސް އެންމެ ފެންވަރު ރަނގަޅު އެންމެ ރީތި ރޯނު ވަށަނީވެސް ކުޅުދުއްފުށީގެ އަންހެން ކަނބަލުންނެވެ.