ދަގަނޑާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ.

މިއަދު ފަތިހު 04:30 ހާއިރު ފުރައިގެން ދަތުރުކުރި ބޯޓު ބަނޑުން ޖަހާލައިފާ ވަނީ މިއަދު ހެނދުނު 10:30 ހާއިރުކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދެއްވިއެވެ.

Ad
rt

މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ މިއަދު މެންދުރު 14:48 ގައި ކަމަށާއި އެވަގުތުން ފެށިގެން ދޯންޏާއި ފަޅުވެރިން ސަލާމަތް ކުރަން ކޯސްޓް ގާޑު ހަރަކާތް ތެރިވެފައިވާކަމަށް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

"ރާޔަ" ނަމަކަށް ކިޔާ މިދޯނި ދަތުރުކުރީ ކ. ތިލަފުށިން ފުރައިން ވަކަރުފަޅި ރިސޯޓަށް ދިއުމަށެވެ. އަދި މި ދަތުރުގައި ފަޅުވެރިންގެ ގޮތުގައި ދިވެއްސަކާއި އެކު 2 ބިދޭސީން ތިއްބެވެ. ނަމަވެސް، މި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފާ ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

89 ފޫޓުގެ މި ދޯނި ބަންޑުން ޖަހާލާފައިވަނީ ފިހާޅޮހި ރިސޯޓާއި ގާތްގަނޑަކަށް 6.5 ނޮޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފް އިން ހާމަކުރެއްވިއެވެ.

އަދި ހާދިސާ ހިންގި ސަރަހަދަށް ދިޔަ "ދިރުން" ނަމަކަށް ކިޔާ ދޮނީގެ އެހީތެރިކަމާއެކު "ރާޔަ" ދޯނީގައި ތިބި ފަޅުވެރިން ސަލާމައިކޮށް ކޯސްޓް ގާޑުގެ ހާބަރ ކްރާފްޓް ގައި ވަނީ ހުޅުމާލެ ގެނެސްފައެވެ.