ރާއްޖޭގެ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އަންނަ ހަފްތާގައި ކޮވިޑް-19 އިން ރައްކާތެރިވުނަށް ދެވޭ ވެކްސިން ދޭން ފަށަން ސަރުކާރުން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ ރާއްޖޭގެ 12 އަހަރުން މަތީގެ އެންމެންނަށް ދެވޭވަރަށް މިހާރު ވެކްސިން ގެނެސްފައިވާކަމަށާއި 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އަންނަ ހަފްތާގައި ފައިޒާ ވެކްސިން ދޭން ފެށޭނެ ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދުނިޔޭގެ ޤައުމުތަކުގައި ކޮވިޑް-19ގެ ބަލިމަޑުކަން ފުރަތަމަ ފެށިގެން އައި ދުވަސްވަރު ރާއްޖޭގެ ވަސީލަތްތައް ހުރީ އެއްގޮތަކަށްވެސް އެފަދަ ބަލިމަޑުކަމަކާ ކުރިމަތިލެވޭނެ ހާލަތެއްގައި ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ސަބަބާހުރެ ސަރުކާރުގެ ފުރަތަމަ އަމާޒަކަށްވީ މި ބައްޔަށް ފަރުވާދެވޭނެ ވަރަށް ރާއްޖޭގެ ޞިއްހީ ނިޒާމުގެ ޤާބިލުކަން އިތުރުކުރުން ކަމަށެވެ.
އަދި މި ބަލިމަޑުކަމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާނެ އިޖްތިމާއީ އިޤްތިޞާދީ ދަތިތައް ވީހާވެސް ކުޑަކުރުމަށް ސަރުކާރުން ކޮށްދެވެންހުރި ކަންތައްތައް ކުރުންކަމަށާއި މިހާރު އައު ޢާންމު ހާލަތަކަށް ދިއުމަށް ދަތުރުކުރުމުގެ ފުރުޞަތު ފަހިވެފައި މި ވަނީ އެ ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރުން އައު އާންމު ހާލަތަށް ދިއުމަށް ކުރައްވާ މަސައްކަތުން ރާއްޖެއަކީ އެންމެ ފުރަތަމަ ވެކްސިން ޖަހަން ފަށާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަމާއި އަދި އޭގެ އިތުރުން ރާއްޖެއަކީ 12 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދިނުމުގެ ފުރުޞަތު ލިބިފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ވެސް ހިމެނޭ ޤައުމެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ މިމަހުގެ ނިޔަލަށް، ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދީ ނިންމުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ވީހާވެސް ގިނަ ފަރާތްތަކުން އަވަހަށް ވެކްސިން ޖަހާ ނިންމުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދެމުންގެންދާ ލުއިތަކާއެކު ރާއްޖޭގެ އިޤްތިސާދީ ޙާލަތުވެސް ރަނގަޅުވަމުން އަންނަކަމުގައި ރައީސް ވިދާޅުވިއެވެ.
"މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އެކްސްޕޯޓް %19 އަދި އިމްޕޯޓު %45 ވަނީ އިތުރުވެފަ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތުގެ އާމްދަނީ %14 އިތުރުވެ، ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %23 ވަނީ އިތުރުވެފަ."
ރައީސް ޞާލިހު ވިދާޅުވިއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ އެ ދާއިރާގައި މަސައްކަތްކުރާ 93 އިންސައްތަ މީހުން މިހާރު ވެކްސިން ފުރިހަމަކޮށްފައިވާކަމަށެވެ. އަދި ބޯޑަރު ކޮންޓްރޯލްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެސް ވެކްސިން ފުރިހަމަކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ހިންގާ ރިޒޯޓްތަކުގެ 95 އިންސައްތަ ރިޒޯޓް މިހާރު ހުޅުވާފައިވާއިރު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު މިހާތަނަށް 655,000 އަށްގިނަ ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ކޮވިޑް-19ގެ ހާލަތުން، އައު ޢާންމު ހާލަތަކަށް ބަދަލުވުމަށް މަސައްކަތްކުރާއިރު، މިހާރު ދީފައިވާ ލުއިތަކާއެކު ޤައުމުގެ ހުރިހާކަމެއް ޢާންމު ހާލަތާ އެއްގޮތަށް ކުރިޔަށްގެންދެވޭނީ 12 އަހަރުން މަތީގެ އެންމެންނަށް ވެކްސިންޖެހުމަށް ކުރާ މަސައްކަތަށް އެންމެންގެ އެއްބާރުލުން ލިބިގެންކަން ފާހަގަކުރެއްވިއެވެ.
އެގޮތުން، ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ރައްޔިތުންވެސް ވީހާ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް ރައީސް ޞާލިހު ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ %80 މީހުން ވަނީ ޖަހާ ނިންމާފާވިއިރު، އާބާދީގެ %69 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!