ހއ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓު ޚިދުމަތް އަލުން ފަށައިފި އެވެ.
އެކައުންސިލުން މިއަދު އާންމު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ މިދިޔަ ޖުލައި މަހުގައި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ހއ. ދިއްދޫ މޮނިޓަރިން އަށް ލުމާއި ގުޅިގެން ހުއްޓިފައި އޮތް ޓްރާންސްޕޯޓު ޚިދުމަތްތައް، އެރަށް މޮނިޓަރިންގ އިން އުވާލުމައި ގުޅިގެން މިއަދުން ފެށިގެން އެ ޚިދުމަތްތައް އަލުން ފެށޭނެ ކަމަށެވެ.
ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި ޕޭޝެންޓެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިންއަށް ލީ މިދިޔަ މަހު 26 ވަނަ ދުވަހުގައެވެ.
ހއ. އަތޮޅު ކައުންސިލުން ނެރުއްވި އިއުލާނުގައި އިތުރަށް ވިދާޅުވީ މިއަދުން ފެށިގެން އެ ކައުންސިލުން މެދުކަނޑާލެވިފައިވާ އެއްގަމާއި ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނެގުމާއި، ކެޓަގަރީ އިތުރުކުރުމުގެ ޚިދުމަތްތައް ލިބިގެންދާނެ އެވެ،
މީގެ އިތުރުން، އެކައުންސިލުގެ ޚިދުމަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިޔުމުގެ އިތުރުން ދިއްދޫގައި ހުންނަ އެ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިގެންދާނެ ކަމަށްވެސް އެ އިއުލާނުގައި ފާހަގަކުރެއްވިއެވެ.
ކޮވިޑް-19 ބަލި ހަލުވިކަމާއެކު ދިއްދޫގައި ފެތުރެމުން ދިޔުމުގެ ސަބަބުން މިދިޔަ މަހު މޮނިޓަރިން އަށް ލުމަށްފަހު އެހާލަތުން އެރަށް ނެގިކަން އެޗްޕީއޭ އިން އަންގާފައިވަނީ އިއްޔެ ރޭ 18:37 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!