ހއ. އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މަހާ ޖައްރާފު އެ ރަށަށް ބަނދަރުކޮށްފި އެވެ.
މަހާ ޖައްރާފަށް މަރުހަބާ ކިޔުމަށް އިހަވަންދޫގައި ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ބައިވެރިވެވަޑައިގެންނެވި އެވެ.
އިހަވަންދޫ ރައްޔިތުން މަހާ ޖައްރާފަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ އެ ބޯޓުގެ ފަޅުވެރިންނަށް ފަރިވަޅެއް އަރުވައިފައެވެ. އިހަވަންދޫ ކައުންސިލުންވެސް ވަނީ ބިން ހިއްކުމުގެ މަސައްކަތަށް މަހާ ޖައްރާފު ބަނދަރުކުރުމާއި ގުޅިގެން ގިނަ ހަރަކާތްތަކެއްވެސް ހިންގާފަ އެވެ.
އެ ރަށުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން ފެށީ މި މަހުގެ ހަތަރު ވަނަ ދުވަހުގައެވެ. އެގޮތުން، ބައުންޑަރީ ވޯލް ހެދުމާއި ސައިޓު ތައްޔާރު ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 10ގައެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލު ކުރީ 123.9 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއު އެމްޓީސީސީ އާ ހަވާލު ކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ރިވެޓްމެންޓްޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
ފޮޓޯ: މަހާ ޖައްރާފު އިހަވަންދޫ އަށް
https://thiladhun.wonstasite.com/gallery/69954
މަހާ ޖައްރާފަކީ ކުރީގެ ރައީސް އަބްދު ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގެ ރަށްތައް ހިއްކުމަށް ރާއްޖެ ގެނައި ކޮންނަ ބޯޓެކެވެ. މިއީ މި ސަރަހައްދުގައި ވެސްއޮތް އެންމެ ބޮޑު ކޮންނަ ބޯޓެވެ. މި ބޯޓު ބޭނުން ކޮށްގެން އެކި ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫއުތައް އަންނަނީ މިހާރުވެސް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!