ދިވެހި މުޖުތަމައުއަށް ބޭނުންވަނީ އެކަކު އަނެކަކަށް އިހުތިރާމާއި ލޯތްބާއެކު މުއާމަލާތް ކުރާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތޯބުގައި ވިދާޅުވީ މި ކުޑަކުޑަ ދިވެހި މުޖުތަމައު އަށް ބޭނުންވަނީ، އެކަކު އަނެކަކަށް އިޙްތިރާމާއި ލޯތްބާއެކު މުޢާމަލާތުކުރާ، އިންސާފާއި ހައްގަށް މަސައްކަތްކުރާ، ބޭއިންސާފާއި ބާތިލަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބައެއް ކަމަށެވެ. ހިޖްރައިގެ މަތިވެރި ހާދިސާ ގޮވައިލަނީ، އެފަދަ ބަޔަކަށް މުސްލިމުން ވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ހިޖްރައިގެ ހާދިސާއިން ލިބިދޭ ފިލާވަޅުތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ, ކޮންމެ ފަރުދެއްގެ އިންސާނީވަންތަކަމަށް ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ކަރާމާތް ދަމަހައްޓަން މަސައްކަތް ކުރުމަކީ، ކޮންމެ މުސްލިމެއްގެ ފަރުދީ ވާޖިބެއް ކަމަށެވެ. އަދި އަނެކުންގެ ފުރާނައާއި މުދަލަށް ހަމަ ކޮންމެ މީހަކު ވެސް ރައްކާތެރިކަމާއި އަމާންކަމާއި ހިމާޔަތް ދޭންޖެހޭ ކަމަށެވެ. އަދި ނަބަވީ ހިޖްރައިން އިސްލާމީ އުންމަތަށް އުނގަންނައިދިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިލާވަޅަކީ، ރަހިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ގުޅުމުގެ އިތުރުން، އެންމެހައި މުސްލިމުންނަކީ އިންސާނީ އަޚުވަންތަކަމާއި، މާތް ﷲގެ އެއްކައުވަންތަކަމުގެ އަގީދާއިން ގުޅިލާމެހިފައި ތިބި ބައެއް ކަމަށެވެ.
ރައީސް ވިދާޅުވީ ތަރައްގީއާއި ތަހުޒީބުގެ ގޮތުން މުޅި ދުނިޔެއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދިން އުންމަތަކަށް އިސްލާމީ އުންމަތް ވެގެން ދިޔައީ އެ މަތިވެރި ގުޅުމުގެ މަތީގައި މުސްލިމުން ދެމިތިބުމުގެ ސަބަބުން ކަމަށެވެ. އަދި މިއަދު ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ދިޔައީ، އިސްލާމީ އަޚުވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި ފަރުވާ ކުޑަކުރެވުމުގެ ސަބަބުން، އިސްލާމީ އުންމަތް ބައިބައިވެފައިވާތީ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ހިޖްރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، ކޮންމެ ފަރުދެއްގެ އިންސާނީވަންތަކަމަށް ހުރުމަތްތެރިކޮށްހިތައި، އިންސާނީ ކަރާމާތް ދަމަހައްޓަން މަސައްކަތް ކުރުމަކީ، ކޮންމެ މުސްލިމެއްގެ ފަރުދީ ވާޖިބެއް ކަމަށެވެ. އަނެކުންގެ ފުރާނައާއި މުދަލަށް، ހަމަ ކޮންމެ މީހަކުމެ، ރައްކާތެރިކަމާއި އަމާންކަމާއި ހިމާޔަތް ދޭންޖެހޭނެ ކަމަށާއި އަނެކުންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދީ އެ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރުމަކީ، ކޮންމެ މުސްލިމެއްގެ މަސްއޫލިއްޔަތެއް ކަން ވެސް ހިޖުރައިގެ ހާދިސާއިން ހާމަވެގެންދާ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ، ހިޖްރައިގެ ހާދިސާއަކީ، އެފަދަ ދެވަނައެއް ނެތް މަތިވެރި ނަމޫނާތަކެއް މުޅި އިންސާނިއްޔަތަށް ދޫކުރެއްވި، މަތިވެރި ހާދިސާއެއްކަމުގައި ވިދާޅުވެ، ހިޖްރީ އާ އަހަރެއްގެ ފެށުން ފާހަގަކުރުމަކީ، ހިޖްރައިގެ ހާދިސާއިން ލިބިދިން ޢިބްރަތްތަކުގެ އަލީގައި، އަޅުގަނޑުމެންގެ ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުޞަތެއްކަން ފާހަގަކުރައްވާފައެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި ހިޖުރައިގެ މަތިވެރި ޒިކުރާއާ ގުޅުވައިގެން މުސްލިމުން ތާރީޚު ޖަހަމުން އަންނަނީ، ނަބަވީ ހިޖްރައިން މުޅި އިސްލާމީ އުންމަތަށް ދައްކަވާފައިވާ މަތިވެރި ނަމޫނާތަކުން ޢިބްރަތް ޙާޞިލްކުރުމުގެ ބޭނުމުގައެވެ.
އެ މަނިކުފާނުގެ ޚިޠާބުގައި، މިއުފާވެރި މުނާސަބަތުގެ ހެޔޮ އެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި، އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަގުވާމީ އިސްލާމީ ޖަމާއަތްތަކުގެ ވެރިންނަށާއި، އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ވެސް ވަނީ ފޮނުއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!