މާލޭ ސަރަހައްދުގައި ކޯވިޑް-19 ގެ ހާލަތު ރަނގަޅުވެފައިވާތީ 07 އޯގަސްޓް 2021 ވަނަ ދުވަހުގެ ފަތިސްނަމާދުން ފެށިގެން ޖަމާޢަތުގައި ގައިދުރުކޮށް ސަފުހެދުމާއި ކޯވިޑްގެ ހާލަތާއި ގުޅިގެން ކިޔަމުންއައި ގުނޫތު ކިޔުން ހުއްޓާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގައިފިއެވެ.

މިކަމާއި ގުޅިގެން އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ގްރޭޓާރ މާލެ ސަރަޙައްދުގައި ކޯވިޑް ބަލީގެ ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި ޢާންމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރު ލެއްވުމާއެކު ދައުލަތުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ސަރުކާރާއި އާންމުން ގުޅިގެން ކުރެވުނު މަސައްކަތުން ކޯވިޑް ކޮންޓްރޯލް ކުރެވުމާއި ގުޅިގެން މިހާރު ސަރުކާރުން ވަނީ ބިޑެތި ލުއިތަކެއް ދީފައި ކަމަށެވެ.

Ad
rt

ޖަމާޢަތުގެ ނަމާދުތަކުގައި ޤުނޫތުނާޒިލާ ކިޔުން މިވަގުތަށް ހުއްޓާލި ކަމުގައިވިޔަސް، ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކޮށް، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، އިސްތިޣްފާރު ކުރުމަށާއި، މިބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުމަށާއި މި ލޮބުވެތި ޤައުމުގެ އިޤުތިޞާދީ ޙާލަތު ރަނގަޅު ކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކޮށް އުޅުމަށް އެ މިނިސްޓްރީން ވަނީ ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކޮށްފައެވެ.

އެ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ހުރިހާ ބޭފުޅުންވެސް މިސްކިތްތަކުގައި ތިއްބަވާ ވަގުތު ތަކުގައްޔާއި ބޭރުގައި އުޅުއްވާ ވަގުތުތަކުގައި މާސްކުއެޅުއްވުމަށާއި، ކަމާގުޅޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް އުޅުމަށް ހަނދާން ކޮށްދޭކަމަށެވެ.