ހދ. އަތޮޅު ކައުންސިލްގެ 5 އަހަރުގެ ތަރައްޤީގެ ޕުލޭން އެކުލަވާލުމަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް، ކްލަބްހައުސް މެދުވެރިކޮށް ބައްދަލުވުންތަކެއް ފަށަން ނިންމައި، ފުރަތަމަ ބައްދަލުވުން މިރޭ ބޭއްވުމަށް ހދ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

މިގޮތުން ހދ. އަތޮޅު ކައުންސިލުން ވިދާޅުވީ، އެ ކައުންސިލްގެ 5 އަހަރުގެ ތަރައްޤީގެ ޕުލޭން އެކުލަވާލުމަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ކްލަބްހައުސް ބައްދަލުވުން މިރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

ވީހާވެސް ގިނަ ރައްޔިތުން މި ބައްދަލުވުން ތަކުގައި ބައިވެރިވުން ހދ. އަތޮޅު ކައުންސިލުން އެދިވަޑައިގަންނަވައެވެ.

ބައްދަލުވުން ތަކުގެ ލިންކް ހދ. އަތޮޅު ކައުންސިލްގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރަމުން ގެންދާނެ ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ.

މި ބައްދަލުވުންތަކުގައި މައިގަނޑު 9 ދާއިރާއަކުން މަޝްވަރާކޮށް ރައްޔިތުންގެ ހިޔާލު ހޯދުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

އެ ދާއިރާ ތަކުގެ ތެރޭގައި އިދާރީ ދާއިރާގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމާއި، އިދާރީ ދާއިރާގައި ހިމެނޭ ރަށު/ ސިޓީ ކައުންސިލްތަކަށް މާލީ ނަފާވެރިކަން ހޯދައިދިނުމާއި، ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ އިދާރީ އަދި ފަންނީ ޤާބިލުކަން އިތުރުކުރުމާއި އަދި ކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރުމާއި، ކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުން ހިމެނެއެވެ.

ރައްޔިތުންގެ ހިޔާލާއި، މަޝްވަރާ ހޯދުމަށް ހދ. އަތޮޅުކައުންސިލުން ނިންމާފައި އިތުރު ދާއިރާތައް:

  • ކައުންސިލްތައް ހިންގުމުގައި ޢާންމުންގެ ބައިވެރިވުން އިތުރު ކުރުން.
  • އިދާރީ ދާއިރާގައި ހިމެނޭ ރަށްރަށުގައި އިޖްތިމާޢީ ގޮތުން ވިލުންތެރި މުޖުތަމަޢުތަކެއް ބިނާކުރުން.
  • ތިމާވެށި ރައްކާތެރި ކުރުމާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުން.
  • އިންފޮމޭޝަން ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުން.
  • އަތޮޅު ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާ ކުރުން.

ސިޓީ، ރަށު ކައުންސިލްތަކު ތަރައްޤީގެ ޕުލޭން އެކުލަވާލާއިރު، ރައްޔިތުންގެ ހިޔާލު ހޯދުމަށް ލާމަރުކަޒީ ގާނޫނުން ވަނީ ކައުންސިލްތަކާއި މަތިކޮށްފައެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުން އެއްތަނަކަށް އެއްކޮށްގެން ބައްދަލުވުން ބޭއްވުމަކީ އެންމެ ރައްކާތެރިގޮތް ކަމަށް ނުވާތީއާއިވެސް އެކު ގިނަ ކައުންސިލްތަކަކުން އަންނަނީ ކްލަބް ހައުސް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު ހޯދުމަށް މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ، މީގެތެރޭގައި އެ ކައުންސިލްތަކާއި ގާނޫނުން މަތިކޮށްފައިވާ ތަރައްޤީގެ ޕުލޭން އެކުލަވާލުމުގެ ބައްދަލުވުންތައް ވެސް ކްލަބް ހައުސް މެދުވެރިކޮށް ދަނީ ކުރިއަށް ގެންދަމުންނެވެ.

ކްލަބް ހައުސް އެޕްލިކޭޝަނީ ޚިޔާލު ބަދަލުކޮށް، މަޝްވަރާކުރުމަށް އެކި ފޯރަމްތައް ބޭއްވުމުގައި ދިވެހިންނާއި، ދުނިޔޭގެ ކަންކޮޅުތަކުގެ މީހުންގެ މެދުގައި ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އެޕްލިކޭޝަނެކެވެ.