ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ހުރިހައި މުވައްޒަފުން ކޯވިޑް-19 އިން ރައްކައުތެރިވުމަށް ޖަހަންޖެހޭ ވެކްސިންގެ ޑޯޒުތައް ފުރިހަމަކުރުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިގޮތަށް އިލްތިމާސްކުރެއްވީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީން 2 އޮގަސްޓް 2021 ގައި ނެރުއްވައިފައިވާ، ސާކިއުލާއެއްގައި ދައުލަތުގެ މުއައްސަސާތަކުގެ ހުރިހައި މުވައްޒަފުން ކޯވިޑް-19 އިން ރައްކައުތެރިވުމަށް ވެކްސިން ފުރިހަމަކުރުމަށް އެދިވަޑައިގެންފައިވާތީއާއި، ކޯވިޑް-19 އިން ރައްކައުތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކޯވިޑް-19 ގެ ވެކްސިން ފުރިހަމަކުރުން ކަމުގައިވާތީކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މިގޮތުން މިހާތަނަށް ކޯވިޑް ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައިނުވާ މުވައްޒަފުން 2021 އޮގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށް، އެ ޑޯޒް ފުރިހަމަކުރި ތާރީޚަށް ބަލައި، ފުރިހަމަކުރަންޖެހޭ އިތުރު ޑޯޒް، އެ ޑޯޒެއް ފުރިހަމަކުރަންޖެހޭ މުއްދަތުގެ ތެރޭގައި ފުރިހަމަކުރުމަށް ރައީސް އޮފީހުން ނެރުއްވި ދެންނެވުމެއްގައި ވަނީ އެދިލައްވާފައެވެ.
ވަގުތީގޮތުން ކުރިމަތިވެފައިވާ ހާލަތެއްގެ ސަބަބުން ވަކި މުއްދަތަކަށް ވެކްސިންޖެހުން ރައްކައުތެރިނޫންކަމަށް ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ މެޑިކަލް ޑޮކްޓަރަކު ލަފާ ދޭ މުވައްޒަފުން ވެސް، ލަފާދީފައިވާ މުއްދަތު ހަމަވުމުން ވެކްސިން ފުރިހަމަކުރުމަށް އެ ދެންނެވުމުގައި ވަނީ އެދިލައްވާފައެވެ.
"ސަރުކާރުގެ އިދާރާތަކުގެ ވެރިން، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ކޮވިޑް-19 އިން ރައްކައުތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަކުރުމަށް ބާރުއަޅުއްވައި، ވެކްސިން ފުރިހަމަކުރޭތޯ ބައްލަވައިދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ." ރައީސް އޮފީހުގެ ދެންނެވުމުގައި ވިދާޅުވެފަވެއެވެ.
ރާއްޖޭގައި އުޅޭ ހުރިހާ މީހުންނަށް ވެކްސިން ފުރިހަމަކުރެވޭ ވަރަށް ރާއްޖެއަށް ސަރުކާރުން މިހާރު ކޯވިޑް ވެކްސިން ގެނެސްފައިވާއިރު، ވެކްސިން ޖެހުމުގެ ބޮޑު ކެމްޕޭނެއްވެސް ވަނީ ފަށާފައެވެ.
ރާއްޖޭގައި މިހާތަނަށް 325،060 މީހަކު ފުރަތަމަ ޑޯޒް އަދި 274،949 މީހަކު ދެވަނަ ޑޯޒު ވަނީ ފުރިހަމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!