ށ. އަތޮޅު ހޮސްޕިޓަލުގައި ކަރުގެ ބޮޑު ސާޖަރީއެއް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
އެ ހޮސްޕިޓަލުން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ "ސަބް މެންޑިބިއުލަރ ޕްލިއޮމޯފިކް އެޑެނޮމާ އެކްސިޝަން" ނަމަކަށް ކިޔާ މި ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލެވިފާ ވާކަން ހާމަކުރަށްވާފައެވެ. އަދި މި ސާޖެރީ އަކީ ވަރަށް މަދުފަހަރަކު ނޫނީ ނަހަދާ ބޮޑު ސާޖެރީ އެއްކަމަށާއި އަދި ސާޖެރީ ހަދަން މެދުވެރިވި ބައްޔަކީވެސް އެހާމެ މަދުން ނޫނީ ނުފެންނަ ބައްޔެއްކަން އެ ޓްވީޓްގައި ފާޙަގަކުރެއްވިއެވެ.
"ޕްލިއޮމޯފިކް އެޑެނޮމާ އޮފް ސަބްމެންޑިބިއުލަރ ގްލޭންޑް" ނަމަކަށް ކިޔާ މި ބައްޔަކީ ކަރުގެ ވަކި ހިސާބެއްގަ އިންނަ "ލިމްފް ނޯޑްސް" އޭ ކިއުނު ގްލޭންޑް އެއް އާދަޔާ ޚިލާފަށް ދުޅަވެ ކަރުގަ ރިއްސުމާ ދިރުވުމަށްް އުނދަގޫވާ ބައްޔެކެވެ. އަދި ކަރު ވެސް ވަރަށް ބޮޑަށް މިބަލީގައި ދުޅަވެގެން ދެއެވެ. އަދި ސާޖަރީގައި މި ދުޅަވި ގްލޭންޑް ނުވަތަ ޓިއުމަރ ކަރުން ނަގާނީއެވެ.
ށ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ އަޙްމަދު ޒުމްރާތު "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ސާޖެރީ އެ ޕޭޝަންޓް ހަދަން ޖެހުނީ ކަރުގައި އިން އެ ޓިއުމަރުގެ ސަބަބުން ކަރު ދުޅަވެ، ރިއްސުމުގެ އިތުރުން "މެލިގްނެންޓް ޓްރާންސްފޮމޭޝަން" ނުވަތަ ކަރުގެ އެ ޓިއުމާރ ކެންސަރަށް ބަދަލުވުމުގެ ބިރު އޮތުމުން ކަމަށެވެ.
" އެ ޕޭޝަންޓް ބުނިގޮތުން 12 އަހަރު ވެދާނެ އޭނަ މި ބައްޔަށް ފަރުވާކުރާތާ. އެކި ފަހަރު މަތިން މާލޭގެ ހޮސްޕިޓަލުތަކަށާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް ދެއްކި ކަމަށްވެސް ބުނި. އެތަން ތަނުން އެއަށްވުރެ ފެންވަރު ރަނގަޅު ތަނަކަށް ދިއުމަށް ސަޖެސްޓް ކުރިކަމަށް ޕޭޝަންޓް ކިއާދިން." ޒުމްރާތު ވިދާޅުވިއެވެ.
އެ ޕޭޝަންޓް އެ ހޮސްޕިޓަލުން ފުރަތަމަ ޑޮކްޓަރަށް ދެއްކީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ކަމަށާއި އެ ދުވަހު ޑޮކްޓަރު އިރުޝާދު ދެއްވީ ވީހާވެސް އަވަހަކަށް ސާޖެރީ ހެދުމަށް ކަމަށް ޒުމްރަތު ވިދާޅުވިއެވެ. އަދި އޭގެ 3 ދުވަސް ފަހުން އެ ޕޭޝަންޓް ސާޖެރީ ހެދުމަށް ހޮސްޕިޓަލަށް ދިޔަ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
1 ގަޑި އިރު ހޭދަވި މި ބޮޑު ސާޖަރީ އިސްވެ ކޮށްފައިވަނީ ށ. އަތޮޅު ހޮސްޕިޓަލުގެ ސާޖެން ޑރ. އެސްލަމް އަޙްމަދެވެ. އަދި އެެނެސްތެޓިސްޓް ގޮތުގައި ޑރ. އަޙްމަދު އެލްސަރަގް އަނާ ހަރަކާތްތެރިވިއިރު މެޑިކަލް އޮފިސަރ ޑރ. ތަންޒިމް ގެ އިތުރުން އެ ހޮސްޕިޓަލުގެ ނަރުހުންގެ ޓީމެއްވެސް މި ސާޖަރީ ގައި ހަރަކާތްތެރިވި އެވެ.
މެނޭޖަރ ޒުމްރާތު އިތުރަށް ވިދާޅުވީ ޕޭޝެންޓު ގެ ހާލު ރަނގަޅުކަމަށާއި ސާޖަރީ ހެދިތާ 3 ދުވަސް ފަހުން ދޫކޮށްލާނެ ކަމަށެވެ. އަދި ފުރިހަމަ އަށް ރަނގަޅުވެ އާންމު ހާލަތަށް ޕޭޝަންޓް ދިއުމަށް 3 ވަރަކަށް ހަފްތާ ނަގާނެކަމަށް ޑޮކްޓަރާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ރައީސްއުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް މިއަދު ފޯނުން އެ ހޮސްޕިޓަލަށް ގުޅުއްވާ ހޮސްޕިޓަލުން ހޯދާ މިފަދަ ބޮޑެތި ކާމިޔާބީ ތަކަށް ފަޚުރުވެރިވާކަން ފާހަގަކުރަށްވާ ޓީމަށް ވަރަށް ހިތްވަރު ދެއްވިކަމަށާއި އަދި ސާޖަރީ ހެދި ޕޭޝަންޓްގެ ހާލު ވެސް ބައްލަވާލެއްވިކަމަށް ޒުމްރާތު ވިދާޅުވިއެވެ.
އެ ހޮސްޕިޓަލުގައި މުޅިން އަލަށް އަދި ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުކުރާ ކަރުގެ މި ސާޖަރީގެ އިތުރުން ށ. އަތޮޅު ހޮސްޕިޓަލުން އަންނަނީ ބޮޑެތި ސާޖަރީ ތަކެއް ކުރަމުންނެވެ. އެގޮތުން، ބަނޑުގެ ބައެއް ސާޖަރީ ތަކާއި ތައިރޮއިޑް ސާޖެރީ މީގެ ކުރިން އެ ހޮސްޕިޓަލުން ކުރި ކަމަށް ޒުމްރާތު ފާހަގަ ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!