ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާއިން ދަނޑުވެރިކަން ކުރުމަށް ކުލީ ދަނޑުގެގޮތުގައި ދޫކޮށްފައިވާ ދަނޑުބިންތަކުން ކުލިނެގުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުން ދަނޑުވެރިކަންކުރުމަށް ކުލީ ދަނޑުގެގޮތުގައި ދޫކޮށްފައިވާ ދަނޑުތަކުން ކުލިނެގުމާއި ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާގެ އޮފީހުންނާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުއްވާފައިވާ ސިޓީއާއި ގުޅިގެން އެ ކައުންސިލުން ދަނޑުވެރިކަންކުރުމަށް ކުލީ ދަނޑުގެގޮތުގައި ދޫކޮށްފައިވާ ދަނޑުތަކުން 6 އޯގަސްޓް 2021 ވަނަދުވަހުން ފެށިގެން ކުލިނެގުމަށް ހަމަޖެހިފައިވާކަމަށެވެ.

Ad
rt

މީގެއިތުރުން މި ކައުންސިލް ހަވާލުވުމުގެ ކުރިން (2021 މެއި) ގެ ނިޔަލަށް ދަނޑުބިންތަކަށް ކައުންސިލަށް ދައްކަންޖެހޭ ކުލި ބައެއް ފަރާތްތަކުން ބަރާބަރަށް ދައްކަވާފައި ނުވާތީ އެ ގޮތަށް ނުދައްކަވާހުރި ކުލި ދައްކަވައި ނިންމެވުމަށް ވެސް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ

ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ނިމިދިޔަ ކައުންސިލުން ވަނީ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ހަ މަސްދުވަހުގެ ކުލި ކަނޑާ ވެސް ލާފައެވެ.

މިހާރު އޮތް ކައުންސިލް ހަވާލުވެ ފާއިތުވެދިޔަ ދެމަސްދުވަހު އެ ރަށުގެ ދަނޑުވެރިނަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ކުލީ ބިންތަކު އެއްވެސް ކުއްޔެއް ނަގާފައި ނުވެއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް ވިދާޅުވެފައި ކޯވިޑް-19 އާ ގުޅިގެން ދަންޑުވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރީއޮތް ކައުންސިލުންވަނީ ކުލީ ދަނޑުތަކުގެ ކުލި ހަ މަސްދުވަހަށް މާޢާފުކޮށް ދިނުމުގެ އިތުރުން ދަނޑުތަކުގެ ކަރަންޓްބިލް ތިން މަސްދުވަހަށް މަޢާފުކޮށްދެއްވާފައެވެ.

އެއަށްފަހު ކަނޑައެޅިފައިވާ އުސޫލުން ކުލީ ދަނޑުތަކުން ކުލި ނަގަމުން އައިސްފައިވާ ކަމަށެވެ. ނަމަވެސް މި ކައުންސިލް ހަވާލުވެ ފާއިތުވި ދެ މަސްދުވަހު ކުލި ނަގާފައި ނުވަނީ އެ ރަށުގެ ދަނޑުބިންތަކުން ކުލި ކަނޑާލުމަކީ ސަރުކާރުގެ ވައުދަކަށްވާތީ ކަމަށެވެ. ނަމަވެސް އަލުން ކުލިނަގަން ފެށުމަށް ހަމަޖެހިފައި މިވަނީ ރައީސް އޮފީހާއި އަދި އެލްޖީއޭގެ ލަފާގެ މަތިން ކަމަށެވެ.

ނޮޅިވަރަންފަރުގައި ދަނޑު ހެއްދުމަށް ކުލީ ބިން ދޫކޮށްފައިވާ ސަރަހައްދު

ނޮޅިވަރަންފަރުގައި ދަނޑުވެރިކަން ކުރުމަށް ބިން ބޭނުންވާ ރަށުގެ އާންމު ކޮންމެ މީހަކަށް ވެސް ކަނޑައެޅިފައިވާ އުސޫލުން ހިލޭ އެއްދަނޑު އަންނަނީ ދޫކުރަމުންނެވެ. ނަމަވެސް އެއަށްވުރެ އިތުރަށް ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ބޭނުންވާނަމަ ދެވަނަ ދަނޑެއް މިހާރު ވެސް ދޫކުރަމުން އަންނަނީ ކުލި ނަގާ އުޞޫލުންނެވެ. ރައްޔިތުންނަށް ހިލޭ ދޫކުރެވޭ ދަނޑުބިމުގެ ބޮޑު މިނަކީ 5000 އަކަފޫޓެވެ.

ނޮޅިވަރަންފަރަކީ ދަނޑުވެރިކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެކެވެ. އެ ރަށުގައި މިހާރު ކަރާ މިރުސް ފަދަ ތަކެތި ގިނަ އަދަދަކަށް އަންނަނީ ހައްދަމުންނެވެ.