ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދު ﷲ (މުހަންމާ) ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި އަލުން ގުޅިއްޖެ އެވެ.
މުހަންމާ މިރޭ ޕީޕީއެމާއި ގުޅިފައިވަނީ އެ ޕާޓީގެ ރަސްމީ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޕީޕީއެމް ދޫކުރަށްވާ އޭރުގެ އިދިކޮޅާއި ގުޅުނު ގުޅުމަކީ ހެދު ގޯހެއް ކަމަށް މުހައްމާ ވަނީ ސިފަ ކުރަށްވާފައެވެ.
"ހެދުނު ގޯހާމެދު އަދިވެސް ދެރަވޭ. ރައީސް ޔާމީނާ ވަކިވެވުނީތީ ވަރަށް ހިތާމަކުރަން. އަޅުގަނޑަށް މި ހެދުނީ ވަރަށް ބޮޑު ވަރަށް ބޮޑު ގޯހެއް،" މުހަންމާ ވިދާޅުވިއެވެ.
މުހައްމާއަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބަރެއް ގޮތުގައި 18 ވަނަ މަޖިލިސްއަށް އިންތިޚާބުވި މެންބަރެކެވެ. މަގާމުގެ ހުވާކުރެއްވިތާ ތިންމަހެއްހާ ދުވަސްތެރޭ އޭނާ ވަނީ އޭރު ވެެރިކަން ކުރަމުންދިޔަ ޕީޕީއެމްއާއި ގުޅިވަޑައިގެންފައެވެ.
ކުރީގެ ސަރުކާރު ދުވަސްވަރު އޭރުގެ މަޖިލިސް ރައީސް މަސީހްގެ އިތުބާރުނެތްކަމުގެ މައްސަލާގައި ސޮއި ކުރުމުން ފިޔަވުއަޅައި، މުހައްމާ ޕީޕީއެމްއިން ވަކިކުރިއެވެ.
އެއާއިއެކު އޭރުއޮތް އިދިކޮޅު ހަރަކާތާއިގުޅޭ މެންބަރުން ގޮނޑި ގެއްލުވާލަން، އެ މެންބަރުންނަށް އަމާޒުކޮށް މަޖިލިސްއިން ފާސްކުރި އެންޓި-ޑިފެކްޝަން ގާނޫނުގެ ބޭނުންކޮށްގެން ގޮނޑި ގެއްލުވާލި 12 މެންބަރުންތެރޭ މުހައްމާ ވެސް ހިމެނި ވަޑައިގަންނަވައެވެ.
ގޮނޑި ގެއްލުވާލުމުގެ ސަބަބުން އަހަރަކަށްވުރެ ގިނަ ދުވަހު މަޖިލިސް މެންބަރެއްގެ އިނާޔަތްތަކާއި، މުސާރައިން މަޚްރޫމްވެ، ދާއިރާ ތަމްސީލްކުރުމުގެ ފުރުޞަޠު ބަންދުވެފައި ގިނަ ގޮނޑި ގެއްލުވާލި އެހެން މެންބަރުންނެކޭ އެއްގޮތަށް އަހަރަކަށްވުރެ ދުވަހު މުހައްމާ ހުންނެވިއެވެ. އެ މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރީ ރައީސް ޔާމީންގެ ވެރިކަން ނިމި، މި ސަރުކާރު އައިތާ ފުރަތަ މަހުގެ ތެރޭގައެވެ.
ޕީޕީއެމްއިން ވަކިކުރުމުން މުހައްމާ ގުޅިވަޑައިގަތީ އޭރު އިދިކޮޅުގައި ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއެވެ.
މުހައްމާ މިދިޔަ މަޖިލިސް އިންތިޚާބުގައި ވެސް އިހަވަންދޫ ދާއިރާއަށް ވާދަ ކުރެއްވިއެވެ. ނަމަވެސް އޭނާއަށް ވަނީ ނާކާމިޔާބާއި ކުރިމަތިވެ ވަޑައިގެންފައެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން މުހަންމާ ވަނީ ރައީސް ޔާމީނާއި ދެކޮޅަށް މަސައްކަތް ކުރެވުނީތީ ހިތާމަކުރާ ކަމަށާ އެކަމާއި މާފަށް އެދޭ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ މިރޭ ފަށާ މަސައްކަތް ނިންމާނީ ރައީސް ޔާމީން އަލުން ވެރިކަމަށް ގެނައުމަށް ފަހު ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!