މިފްކޯއިން މިދިޔަ ހަފުތާގައި ރާއްޖެ ގެނައި މަސް ރައްކާ ކުރާ ބޯޓު، ޖަޒީރާ ރީފާގެ ސަބަބުން ބޭރަށް މަސް އެކްސްޕޯޓު ކުރުމަށް ދާ ހަރަދު ކުޑަ ކުރެވޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

މިފްކޯއިން 1.8 މިލިއަން ޑޮލަރު (27.8 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ރާއްޖެ ގެނައި މި ބޯޓަކީ 2500 ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެކެވެ.

Ad
rt

މިފްކޯއިން ބުނެފައިވާގޮތުގައި މި ބޯޓު ބޭނުން ކުރާނީ ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓު ކުރުމަށެވެ. އަދި މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ރައްކާކުރުމަށްވެސް މި ބޯޓު ބޭނުން ކުރާނެއެވެ.

މި ބޯޓާ ގުޅޭގޮތުން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބޯޓުގެ ސަބަބުން މަސް އެކްސްޕޯޓު ކުރުމަށް ދާ ހަރަދު ކުޑަކުރެވުމުގެ އިތުރުން ދިވެހިންނަށް އިތުރު ވަޒީފާގެފުރުސަތުވެސް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މިއީ ކޫއްޑޫގެ ކެޕޭސިޓީއަށްވުރެ އިތުރު ކެޕޭސިޓީ ހުރޮ ބޯޓެއްކަން ފާހަގަ ކުރައްވައި އަމްރު ވިދާޅުވީ މިހާރު މި ބޯޓު ވަނޯ އޮޕްރޭޝަނަށް ގެނެސްފައި ކަމަށެވެ.

މިއީ 98 މީޓަރުގެ ދިގު ބޯޓެކެވެ. މި ބޯޓަކީ ބައިނަލްއަގުވާމީ މިންގަނޑުތައް ކަމަށްވާ އީޔޫއާއި އައިއޯޓީސީ މިންގަނޑުތަކަށް ފެތޭ ބޯޓެކެވެ.