ކުޅުދުއްފުށި ސިޓީ ގިނަ ދުވަސްތަކަކަށް މޮނިޓަރިންގ ގައި އޮންނަން ޖެހިއްޖެނަމަ އެރަށުގެ އިޤްތިޞާދަށާއި އާންމު ފަރުދުންގެ ދިރިއުޅުމަށް އެތަށް ނެދޭވޭ އަސަރުތަކެއް ކުރާނެކަމުން މި ހާލަތުން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން އެދޭކަމަށް މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެ އެވެ.

މޭޔަރ މިހެން ވިދާޅުވީ ކުޅުދުއްފުށި ސިޓީ އިން ގުޅުމެއް ނެތް ފުލޫ ސާމްޕަލްތަކެއް ޕޮސިޓިވްވެ އެސިޓީ މޮނީޓަރިންގ ހާލަތަށް ގެނެސްފައިވަނިކޮށް މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Ad
rt

“މި ޙައްޞާސް ދަނޑިވަޅުގައި ހުރިހާ ރައްޔިތުން ވެސް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވާ ބަލި އިތުރަށް ފެތުރުނަ ނުދީ މި ލޮބިވެތި ސިޓީ އާންމު ހާލަތަށް ގެނައުމަށް މަސައްކަތް ކޮށްދިނުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަން”

މޭޔަރ އިތުރަށް ވިދާޅުވެފައިވެއެވެ.

މޭޔަރުގެ މި ޕޯސްޓުގައިވަނީ 5 ކަމަކަށް ސަމާލުކަން ދެއްވުމަށް އެސިޓީގެ ރައްޔިތުންގެ ކިބައިން އެދިފަ އެވެ. އެގޮތުން:

1. ޒަރޫރީ ބޭނުމަކަށް ނޫނީ ބޭރަށް ނުނިކުތުން އަދި ނިކުންނަން ޖެހިއްޖެނަމަ މާސްކް އަޅައި އިޖްތިމާއީ ގައިދުރުކަން ޔަގީން ކުރުން

2. ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނަށް ދިޔުން މި ވަގުތަށް މެދުކަނޑާލުން

3. މާސްކް އަޅައި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން

4. ބައްދަލުވާ މީހުންގެ އަދަދު މަދުކޮށް 'ސޯޝަލް ބަބުލް' ވީހާވެސް ކުޑަ ކުރުން

5. ގޭގެޔަށް ޒިޔާރަތް ނުކުރުން

މީގެ އިތުރުން މޭޔަރ ވިދާޅުވެފައިވަނީ ހުރިހާ ރައްޔިތުން ވެސް ކެތްތެރިކަމާއެކު މިހާރު އެޅިފައިވާ ފިޔަވަޅުތައް ދަމަހައްޓަން އެއްބާރުލުން ދެއްވާއިފިނަމަ ކުރިއެކޭވެސް އެއްފަދައިން ބަލި އަވަހަށް ކޮންޓްރޯލް ކުރުމަށް އިތުުރު ބާރަކަށް ވެގެންދާނެކަމަށެވެ.

ފުލޫ އޯޕީޑީއަށް ދެއްކި އިތުރު 4 މީހަކު ޕޮޒިޓިވްވެ އެސިޓީގައި މިވަގުތު ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ 14 މީހުން އެބަތިއްބެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެފައިވަނީ އެސިޓީގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑްއެއް އޮތްކަމަށް ގަބޫލުކުރެވޭ ކަމަށެވެ.