މި އަންނަ ހަފުތާގެ ތެރޭގައި، ރާއްޖޭގައި އުޅޭ އެންމެންނަށް ކޯވިޑް ވެކްސިން ޖެހުމުގެ ވަރަށް ބޮޑު ޕްރޮގްރާމެއް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް، މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބާގައި ޤައުމާ މުޚާތަބު ކުރައްވައި މިއަދު ދެއްވި ޚިޠާބުގައެވެ.

Ad
rt

ރައީސް ޞާލިޙް ވިދާޅުވީ، މި އަންނަ ހަފުތާގެ ތެރޭގައި، ރާއްޖޭގައި އުޅޭ އެންމެންނަށް ކޯވިޑް ވެކްސިން ޖެހުމުގެ ވަރަށް ބޮޑު ޕްރޮގްރާމެއް ފައްޓަވާނެ ކަމަށާއި، ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން ވެކްސިން ޖަހާ ޢުމުރުގެ 90 އިންސައްތަ މީހުންނަށް މި ފެށޭ އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުން ކަމަށެވެ.

މީގެއިތުރުން ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގައި އުޅޭ އެންމެންނަށް ވެކްސިން ޖަހައި ނިންމުން ކަމަށާއި، މިއީ ދުނިޔޭގެ މަދު ގައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް ވަރަށް މަތިވެރި ނަސީބެއްކަން އެމަނިކުފާނު ވަނީ މިއަދުގެ ޚިޠާބުގައި ފާހަގަ ކުރަށްވާފައެވެ.

"ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭވަރަށް، މާތް ﷲގެ އިރާދަފުޅާއެކު، ރާއްޖެއަށް މިހާރު ހުރީ ވެކްސިން ގެނެވިފައި. އެހެންކަމުން، މި ފުރުޞަތުގެ ބޭނުން ހިފައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން." ރައީސް ޞާލިޙް ވިދާޅުވެފަވެއެވެ.

މިއަދުގެ ޚިޠާބުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ، ކޯވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި، ޞިއްޙީ ޚިދުމަތްތެރިންނާއި، ދިވެހި ފުލުހުންނާއި ދިވެހި ސިފައިން، އަދި ހިލޭސާބަހަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން އެ ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާ ކުރަށްވާފައެވެ.

"ކޯވިޑް-19އާ އެކު އަޅުގަނޑުމެންނަށް މި ކުރެވުނު ދޮޅު އަހަރުގެ ތަޖުރިބާގެ އަލީގައި، އަޅުގަނޑުމެންގެ ވިސްނުން ދެން އަމާޒުކުރަންވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށް. ހަމައެއާއެކު، ޤައުމުގެ އިޤްތިޞާދަށް އިތުރު ދިރުމެއް ގެނައުމަށްޓަކައި، ވިސްނުންތެރިކަމާއެކު، މަސައްކަތް ފެށުމަށް." ރައީސް ޞާލިޙް ވިދާޅުވެފަވެއެވެ.

ސަރުކާރުން މަސައްކަތް ކުރަށްވަނީ، ކޯވިޑް ވަބާއިން ރައްޔިތުން ރައްކާތެރިކުރުމާއެކު، މި ދަތި އުނދަގުލުގެ ތެރޭގައިވެސް، ރައްޔިތުންގެ އަސާސީ ޙައްޤުތަކާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ ތެރެއިންވެސް، މީހުން ބިނާކުރުމާ ގުޅިފައިވާ، ސްޓޫޑެންޓް ލޯނާއި، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔަވައިދިނުން ފަދަ، ތަޢުލީމާ ގުޅޭ ޕްރޮގްރާމްތަކާއި، ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވެދިނުމާއި، ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި، ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް، މެދުކެނޑުމެއްނެތި އަދިވެސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ވެސް މިއަދުގެ ޚިޠާބުގައި ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.