ދިވެހި ރައްޔިތުންގެ ޤައުމީ އަދި އިޖުތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް، މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބާގައި ޤައުމާ މުޚާތަބު ކުރައްވައި މިއަދު ދެއްވި ޚިޠާބުގައެވެ.

Ad
rt

މިއަދުގެ ޚިތާބުގައި ރައީސް ވިދާޅުވީ، ބޭރު ގައުމުތަކާ އެކުގައި އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އ.ދ.ގެ އާންމު މަޖިލީހުގެ ރިއާސަތަށް ރާއްޖެ އިންތިޚާބުވެ، ދުނިޔޭގެ ފެންވަރުގައި ބަސް ކިޔޭވަރުގެ ޤައުމަކަށް ރާއްޖެ ވެގެން ގޮސްފައިވަނީ، ރާއްޖޭގެ މިނިވަންކަން ފުރިހަމައަށް ޙިމާޔަތްކުރެވޭ ގޮތަށް، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގެ މިނިވަންކަމަށްވެސް ޙުރުމަތްތެރިކޮށްހިތާ ސިޔާސަތެއްގެ ދަށުން، ބައިނަލްއަޤްވާމީ ގުޅުންތައް ދަމަހައްޓަމުން އަންނާތީ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"ދިވެހި ރައްޔިތުންގެ ޤައުމީ އަދި އިޖުތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުން. އަޅުގަނޑުމެންގެ ދީނީ އެއްބައިވަންތަކަން އިތުރަށް ހަރުދަނާކޮށްދެނީ، އަޅުގަނޑުމެންގެ މެދުގައި މަޛްހަބީ ތަފާތެއް ނެތުމުން. އަޅުގަނޑުމެންގެ މިނިވަންކަމުގެ ދިފާޢުގައި ކުރެވުނު ކޮންމެ ޖިހާދެއްގައި ލިބުނު ނަޞްރަކީ، މިދެންނެވި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮ ނަތީޖާ." ރައީސް ޞާލިޙް ވިދާޅުވެފަވެއެވެ.

މިނިވަންކަމާއި ޞުލްޙަޔާއި އެކުވެރިކަމުގެ އަސާސްތައް ކަނޑައަޅައިދިން އިސްލާމްދީނަކީ، ޙައްޤަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއް ކަމުގައި ދެކި، އެ ވިސްނުން ފަތުރައި ޢާންމުކުރުމަށް، ހަމަ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ވަރަށް ފާޅުގައި މަސައްކަތްކުރަމުންދާ ކަމަށާއި، މިއީ މި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެދޭ ހަމަ ކޮންމެ މީހަކުމެ، ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ، ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދުގެ ބައިނަލްއަޤުވާމީ މުޖުތަމަޢުން، ވަކިން ޚާއްޞަކޮށް، ބައެއް އިސްލާމީ ޤައުމުތަކުން ފެންނަ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އަޞްލަކީ، މި ދެންނެވި ހަރުކަށި ފިކުރީ އޮއިވަރަށް އެ ޤައުމުތަކުގައި ޖާގަ ދެވިފައި އޮތުން. އެއިން ކޮންމެ ޤައުމެއްގައިވެސް އެންމެ ފުރަތަމަ އުފެދުނީ، އެއް ބަޔަކު އަނެއް ބައެއްގެ ފުރާނައާއި މުދަލަށް ގެއްލުން ދިނުމުގެ ޢަމަލުތައް. އޭގެފަހުން ފެންނަން ފެށީ، އެކިއެކި ފަރާތްތަކުގެ ނުފޫޒު ފެތުރެން ފެށި މަންޒަރު. މިއަދު އެއިން ކޮންމެ ޤައުމަކީ، މިނިވަންކަމާއި ޞުލްޙަޔާއި ހަމަޖެހުން ގެއްލިފައި އޮތް ޤައުމެއް." ރައީސް ޞާލިޙް ވިދާޅުވެފަވެއެވެ.

އިސްލާމްދީނުގެ ނަމުގައި، ދިވެހިންގެ ތެރޭގައި ފަތުރަމުން އަންނަ ހަރުކަށި ފިކުރުތަކާއި، ހައްދުފަހަނައެޅުމުގެ ޢަމަލުތަކަކީ، އެއްވެސް ގޮތަކުން އިސްލާމްދީނާ ގުޅުމެއް ނެތް ބާޠިލު ކަންތައްތަކެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެއީ އެއްވެސް ހަމައަކުން ބަލާއިރު، އިސްލާމްދީނުގެ އަޚްލާޤީ ހަމަތަކާއި، ދީނީ އުޞޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން ކަމަށާއި، އަދި އިންސާނީ ހަމަބުއްދިން ވިސްނާއިރުވެސް، އިންސާނީ މުޖުތަމަޢެއްގައި ފަތުރަން ހެޔޮވާވަރުގެ ފިކުރުތަކެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ހަމައެފަދައިން އިސްލާމްދީނަށް އިހާނެތިކުރުމާއި ފުރައްސާރަކުރުމުގެ ޢަމަލުތަކަކީވެސް، މުޖުތަމަޢު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި ޢަމަލުތަކެއް. އެހެންކަމުން، މީހުންގެ މެދުގައި އަނެކުންނާ ދޭތެރޭ ނަފްރަތު އުފެއްދުމަށް ހިންގާ ޢަމަލުތަކާއި، އިސްލާމްދީނަށް އިހާނެތިކުރުމުގެ ޢަމަލުތައް ހުއްޓުވުމަކީ، ޤައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދަކުވެސް އިސްކަން ދޭންޖެހޭނެ ކަމެއް. މިއީ، އެއްވެސް ޙާލެއްގައި އަޅުގަނޑުމެންގެ މެދުގައި އޮވެގެން ނުވާނެ އިޖުތިމާޢީ ވަރަށް ބޮޑު ދެ މައްސަލަ." ރައީސް ޞާލިޙް ވިދާޅުވެފަވެއެވެ.

އެހެން ނަމަވެސް، މި ދެ މައްސަލައިގެ ހަމައެކަނި ޙައްލަކީ ޤާނޫނީ ފިޔަވަޅުތަކެއް އެޅުމެއް ނޫން ކަމަށާއި، މި ދެ މައްސަލައަށް އޮތް ދާއިމީ ޙައްލަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން ކަމަށް ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ.

މިގޮތުން ރައީސް ވިދާޅުވީ، ތުއްތުކުދިންގެ ޅަފަތުން ފެށިގެން، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، އެ ކުދިންގެ ދިރިއުޅުން ބިނާކޮށްނުދެވިއްޖެނަމަ، ކޮންމެވެސް ދުވަހަކުން އަނެއްކާވެސް، މި ދެ މައްސަލަ ކުރިމަތިވާން ފަށާނެ ކަމަށާއި، އެހެންކަމުން، ތަޢުލީމީ ނިޒާމުގެ ތެރެއިން، މިކަން ޙައްލުކުރެވެން ހުރި ގޮތްތަކަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަށްވަމުންކަމަށެވެ.

"މުޖުތަމަޢު ބައިބައިކުރާ މިފަދަ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައި އޮތްހާ ހިނދަކު، ޤައުމުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުންވެސް އޮންނާނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި. އެފަދަ ޙާލަތަކަށް ޤައުމުގެ ކަންކަން ހިނގައްޖެނަމަ، ޤައުމަށް ކުރިމަތިވާ އެހެނިހެން ބޮޑެތި ކަންކަމުން އަރައިގަތުމުގައިވެސް ދަތިތަކެއް ކުރިމަތިވާނެ." ރައީސް ޞާލިޙް ވިދާޅުވެފަވެއެވެ.

މިހާރު ދިވެހިންނާއި ކުރިމަތިވެފައިވާ ޙާލަތަކީވެސް، މުޅި ޤައުމުގެ އެއްބައިވަންތަކަމާއި، ރައްޔިތުންގެ އެއްބާރުލުމަށް ނުހަނު ބޮޑަށް ބޭނުންވާ ޙާލަތެއް ކަމަށާއި، މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19ގެ ބަލިމަޑުކަމުން ދިވެހިން ރައްކާތެރިކުރުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި، ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ނިހާޔަތަށް ސަރުކާރަށް ބޭނުންވާ ކަމަށް މިއަދުގެ ޚިޠާބުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޚިޠާބުގައި ރައީސް ޞާލިޙް ވަނީ، ދިވެހިރާއްޖެ އިނގިރޭސީންގެ އިސްތިޢުމާރީ އަޅުވެތިކަމުން، މިނިވަންވިތާ 56 އަހަރު ފުރޭ، 57 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، އެންމެހާ ދިވެހި ރައްޔިތުންނަށް، އެމަނިކުފާނުގެ ހިތުގެ އިޚްލާޞްތެރި ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ވެސް އަރިސްކުރައްވާފައެވެ.