2019 ވަނަ އަހަރަކީ ދިއްދޫގެ ޙަޔާތުން ގެއްލިގެން ދިޔަ އަހަރެއް: ވަޙީދު

mp waheed dhidhdhoo

2019 ވަނަ އަހަރަކީ ދިއްދޫގެ ޙަޔާތުން ގެއްލިގެން ދިޔަ އަހަރެއް ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ.

މެންބަރު ވަޙީދު މިހެން ވިދާޅުވީ، ރޭ "ދިއްދޫ ކުރިމަގު" ކްލަބްހައުސް ފޯރަމްގައި ބައިވެރިވި ދިއްދޫ ރައްޔިތުންނާއި މުޚާތަބުކުރަށްވައި ދެއްކެވި ވާހަކާގައެވެ.

މެންބަރު ވަޙީދު ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަމުގެ ހުވާކުރެއްވުމަށްފަހު 20 ސެޕްޓެމްބަރު 2019 ގައި ރަށުގައި ރައްޔިތުންނާއެކު ޢާންމު ބައްދަލުވުމެއް ބޭއްވިކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، އޭގެ ފަހުން އެ ޙާލަތު ވަރަށް ބޮޑަށް ބަދަލުވެ، ކޯވިޑް19 ގެ ބަލިމަޑުކަން އައިސް، ދަތުރުފަތުރުކުރުމާއި އެ ނޫން ވެސް ކަންކަމަށް ވަރަށް ބޮޑަށް ދަތިވެގެން ދިޔަ ކަމަށެވެ. އެހެންކަމުން ރައްޔިތުންނާ ދެވަނަ ފަހަރަށް އެފަދަ ގޮތަކަށް ބައްދަލުކޮށްލާނެ މާ ގިނަ ފުރުޞަތުތަކެއް ފަހިވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ކްލަބްހައުސް މެދުވެރިކޮށް ލިބުނު ފުރުޞަތާއިމެދު އުފާކުރަށްވާ ކަމަށް ވިދާޅުވެ، ވަހީދު ވަނީ އޭނާގެ މަސައްކަތުގައި ރެޔާއި ހަމައަށް އައިއިރުގައި، ކަންކަން ހިނގާފައި ހުރި ގޮތާ މެދު ވާހަކަ ދައްކަވާފައެވެ.

މި ގޮތުން 2019 ވަނަ އަހަރު މެންބަރުކަމާއި ހަވާލުވެލެއްވިއިރު އެ އަހަރުގެ ބަޖެޓްގައި އާ މަޝްރޫޢެއްގެ ގޮތުގައި ދިއްދޫގައި ފަށަން ހަމަޖެހިފައި އޮތީ 3.5 މިލިޔަން ރުފިޔާ ކަނޑައެޅިފައިވާ ޖެޓީއެއްގެ މަސައްކަތް އެކަނިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެ މަސައްކަތް އޭރު ބީލަމަށްލައި ޓެންޑަރކުރެވުނު ނަމަވެސް، އެކަން ކުރިއަށް ނުދިޔަ ކަމަށާއި، އެހެންކަމުން ދެން ބެއްލެވީ 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ތައްޔާރުކުރާއިރު، ދިއްދުއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޢުދުވެވަޑައިގެންފައިވާ ކަންކަން އެ ބަޖެޓްގައި ހިމެނުމަށް ކަމަށް ވަހީދު ވިދާޅުވިއެވެ.

އެ މަސައްކަތް ހިނގަމުންދިޔައިރު ވެސް، އަދި ބަޖެޓްގައި ނެތް ނަމަވެސް، ރަށުގެ ރައްޔިތުންގެ ފަރާތުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގައި ލިބިފައި ހުރި ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދެވޭތޯ 2019 ވަނަ އަހަރުގެ ތެރޭގައި ސަރުކާރާއެކު މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ފްލެޓްތަކުގެ މައްސަލަ ފަދަ ގިނަކަންކަން އެ ދުވަސްވަރު ޙައްލުވެސް ލިބިގެންދިޔަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ތިޔަ އެންމެ ބޭފުޅުންނަށް، އަދި ޚާއްޞަކޮށް ސަރުކާރުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ، ސަރުކާރުން ކުރައްވާ ކަންކަން، އަދި ހިންގަވާ މަޝްރޫޢުތައް ތަންފީޒުވެގެން މި އަންނަނީ، ބަޖެޓްކުރެވިގެން. އެ ނޫން ގޮތަކަށް ކަމެއް ކުރުމަކީ ވަރަށް ދަތިކަމެއް. އެހެންވީމާ 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ދިއްދުއަށް ޖެޓީގެ އިތުރުން އެހެން އެއްވެސް ތަރައްޤީގެ މަޝްރޫޢެއް ހިމެނިފައި ނެތީމާ، އޭގެ ސަބަބުން 2019 ވަނަ އަހަރު ރަށުގައި އެ ބާވަތުގެ މަސައްކަތެއް ކުރެވިފައެއް ނުވޭ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދިއްދޫގެ ޙަޔާތުގައި އެއީ އަޅުގަނޑުމެންނަށް ގެއްލިގެން ދިޔަ އަހަރެއް." ވަޙީދު ވިދާޅުވިއެވެ.

މި ޙަޤީޤަތުގެ މައްޗަށް ރިޢާޔަތްކޮށް، އަދި މި ސަބަބާ މަތިކޮށް، 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ދިއްދުއަށް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިމެނުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ކަމަށާއި، ވަކިން ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ގޮތުގައި ދިއްދޫގައި ކުރައްވަން ހަމަޖައްސަވާފައިވާ ކަންކަން ހިމެނުމަށް ވަރަށް ބޮޑަށް ވަކާލާތުކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ ނަތީޖާއެއްގެ ގޮތުން 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްވެގެން ދިޔައިރު، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން ރަށުގައި އަލަށް ފެށުމަށްޓަކައި 7 ޕްރޮޖެކްޓެއް ހިމެނިގެންދިޔަ. މި ދެންނެވި ކަންކަމުގެ ތެރެއިން އެންމެ މުހިންމުކަމެއްގެ ގޮތުގައި އަޅުގަނޑު ބެލީ ހއ އަތޮޅު ތަޢުލީމީ މަރުކަޒުގެ 12 ކްލާސްރޫމާއި އޮފީސް ޢިމާރާތް ބިނާކުރުން. އެކަން 2020 ގެ ބަޖެޓްގައި ހިމެނުނު. އަދި ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ޤާއިމްކުރުމާއި، ހޮސްޕިޓަލްގެ މަޝްރޫޢު އަދި ދިއްދޫގެ ބަނދަރު ބޮޑުކުރުމާއި، ބިން ހިއްކުމުގެ ސަރވޭ ވެސް ބަޖެޓްގައި ހިމެނުނު. ހަމައެހެންމެ، ދިއްދޫގައި މިސްކިތެއް ބިނާކުރުން ވެސް ބަޖެޓްގައި ހިމެނިގެން ދިޔަ." ވަޙީދު ވިދާޅުވިއެވެ.

މި ބަޖެޓް ފާސްވެ 2020 ވަނަ އަހަރުގެ މާރޗް މަހު ހއ. އަތޮޅު ހޮސްޕިޓަލް ބިޑަށް ލެވުނުކަން ފާހަގަ ކުރަށްވަމުން، ދިއްދޫގެ ބަނދަރު ބޮޑުކުރުން ވެސް ބިޑަށް ލެވުނުކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ދެން މި ދިމާވީ ކޯވިޑްގެ ޙާލަތު ކަމަށާއި، އެއާއެކު ސަރުކާރުން އޭރު ނިންމެވީ ބިޑަށް ލެވި ޓެންޑަރގެ މަރުޙަލާގައި ހުރި ޕްރޮޖެކްޓްތައް މަޑުޖައްސާލާފައި، އެވޯޑްކުރެވިފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދަވަން ކަމަށް ވުމުން، ދިއްދޫގެ ޕްރޮޖެކްޓްތައް އޭރު ހުރީ ޓެންޑަރގެ މަރުޙަލާގައި ކަމުން، އެ ޕްރޮޖެކްޓްތައް 2020 ވަނަ އަހަރުގެ ތެރޭގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފަށައިގަނެވިފައެއް ނުވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"ނަމަވެސް 2019 ވަނަ އަހަރުގެ ބަޖެޓްގައި ހުރި މަޝްރޫޢުތަކުގެ ތެރެއިން އެވޯޑްކުރެވި، ރަށްރަށުގައި ހިނގަމުންދިޔަ މަޝްރޫޢުތަކާއި 2020 ވަނަ އަހަރުގެ ތެރޭގައި ކޯވިގެ ކުރިން އެވޯޑްކުރެވިފައި ހުރި ޕްރޮޖެކްޓްތައް ކޮންމެވެސް މިންވަރަކަށް ސަރުކާރުން ކުރިއަށް ގެންދަވާފައިވޭ. ދިއްދުއަށް ދިމާވީ ވަރަށް ދެރަކޮށް. އެއީ 2019 ވަނަ އަހަރު ވެސް ވީ ގޮތަށް 2020 ވަނަ އަހަރުގެ ބޮޑު ބައެއް ވެސް ހޭދަވެގެން ދިޔައީ، ސަރުކާރުގެ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ޢަމަލީ ގޮތުން ދިއްދޫގައި ފެށޭނެ ފުރުޞަތު ނުލިބި." ވަޙީދު ވިދާޅުވިއެވެ.

ބަޖެޓްގެ ބޭރުން ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި ގިނަ ކަންކަމަށް ޙައްލުތައް ހޯދައިދިނުމުގެ މަސައްކަތް 2020 ވަނަ އަހަރު ކުރެވުނުކަން ފާހަގަކުރައްވައި، 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ހެދުމުގައި ސަރުކާރުން ބެއްލެވީ 2020 ވަނަ އަހަރުގެ ބަޖެޓްގައި ރަށްރަށަށް ކަނޑައަޅުއްވާފައި ހުރި ތަރައްޤީގެ މަޝްރޫޢުތައް އަލުން 2021 ވަނަ އަހަރުގެ ބަޖެޓްގައި ވެސް ހިމަނުއްވަން ކަމަށާއި، މުޅިން އާ މަޝްރޫޢުތަކެއްގެ ގޮތުގައި އެ ބަޖެޓްގައި ހިމެނުނީ ވަރަށް މަދު ކަންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިކަން މިހެން ދިޔުމުން، އަދި ދިއްދުއަށް 2019 އާއި 2020 ވަނަ އަހަރު ވެސް ތަރައްޤީގެ އެއްވެސް މަޝްރޫޢެއް އައިސްފައި ނުވާތީ، ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް ވެސް އުފެދުނުކަން އަޅުގަނޑަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ 2019 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލެވުނު އިރު، އެ ބަޖެޓްގައި ޕީއެސްއައިޕީގެ މަޝްރޫޢުތަކެއް ހިމެނިފައި ނެތުން. އެއީ މި ކަން މި ގޮތަށް ދިމާވެގެން ދިޔަ ސަބަބަކީ." ވަޙީދު ވިދާޅުވިއެވެ.

2021 ވަނަ އަހަރުގެ ބަޖެޓްގައި ދިއްދުއަށް ކަނޑައެޅިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން މި އަހަރުގެ މިހާ ހިސާބަށް އައިއިރުގައި، ބައެއް ޕްރޮޖެކްޓްތައް އެވޯޑްކުރެވިފައިވާކަން ފާހަގަކުރަށްވަމުން، ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތް ރަށުގައި މިހާރު ވެސް ކުރިއަށްދާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މިގޮތުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 12 ކްލާސްރޫމާއި އޮފީސް ޢިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި މިހާރު ކޮންޓްރެކްޓަރަކާ ޙަވާލުކުރެވިފައިވުމާއި، ޖޫނިއަރ ކޮލެޖްގެ މަސައްކަތް މިހާރު އިޢުލާންކުރެވިފައި ވުމާއި އަދި ހއ. އަތޮޅު ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި އިންޑިޔާގެ ޕާޓީއަކާއެކު މިހާރު އެމްއޯޔޫއެއްގައި ސޮއިކުރެވިފައިވާކަން ވަހީދު ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ދިއްދޫގެ ގިރާ ސަރަހައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ޙަވާލުކުރެވި، އޭގެ ޢަމަލީ މަސައްކަތް ރަށުގައި ކުރިއަށްދާއިރު، ދިއްދޫ ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ރަށުގައި މި ވަގުތު ކުރިއަށް ދާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ދިއްދޫގެ ރަސްމީ ފާލަމުގެ މަސައްކަތް މިހާރު އެވޯޑްކުރެވިފައިވާކަން ފާހަގަކުރަށްވަމުން ދިއްދޫގެ ކުނިކޮށި ޤާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ބިޑަށް ލެވިފައިކަން ވެސް ފާހަގަ ކުރެއްވިއެވެ.

މެންބަރު ވަޙީދުގެ ރޭ ދެއްކެވި ވާހަކާގައި ވަނީ ކޯވިޑްގެ ސަބަބުން ދެފަހަރެއްގެ މަތިން ދިގުމުއްދަތަކަށް މޮނިޓަރިން ހާލަތަށް ގެނެވުނުއިރު އެހާލަތުން އަރައިގަތުމަށް ރަށުގެ ރައްޔިތުންނާއި، މުއައްސަސާތަކުން ދެއްކެވި އެއްބައިވަންތަކަމާއި، ކުރެއްވި ހިތްވަރުގަދަ މަސައްކަތް ވެސް ފާހަގަ ކުރަށްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި