ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަމެއްނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ މިހެން ވިދާޅުވީ، އޭނާ ވެސް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ރޮޒައިނާ ވިދާޅުވީ، ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަންނޫން ކަމަށެވެ. އަދި ބައެއް ކަންކަން ރަނގަޅުކުރަން ރަނގަޅު ގޮތްތައް ރާވައިގެން ވިސްނުންތެރިކަން އިސްކޮށް، ބަސް މަދުކޮށް އަމަލު ގިނަކުރާ އުސޫލު މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"މާތްﷲ އަޅުގަނޑުމެންގެ ވެރިންނަށް ހެޔޮ ވިސްނުން ދެއްވާށި" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ މިމޭރުމުން ވިދާޅުވިއިރު ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައެވެ. މިގޮތުން އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީ ހިމެނިގެން ވެރިކަން ކުރާ ކޯލިޝަން ސަރުކާރާއި ހިތްހަމަޖެހި ވަޑައިނުގަންނަވާ ކަން ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

މީގެއިތުރުން އެ ޕާޓީގެ ބައެއް އިސްބޭފުޅުން ވެސް ގެންދަވަނީ ސަރުކާރު ހިންގާގޮތާމެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.