އިންޑިއާ އާއި ރާއްޖެއާ ދެމެދު ޕްރީ-އެރައިވަލް ކާގޯ ޑޭޓާ ބަދަލުކުރުމަށް އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި އެވެ.
މި އެމް.ޔޫ.އޯ ގައި ސޮއިކުރެވުނީ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް (ސީ.ބީ.އައި.ސީ - އިންޑިއާ) އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާ ދެމެދު ޕްރީ-އެރައިވަލް ކާގޯ ޑޭޓާ ބަދަލުކުރުމަށްޓަކައި ސީ.ބީ.އައި.ސީ އާ އެކު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިއަދު މެންދުރު ކަސްޓަމްސް ބިލްޑިންގްގައި ބޭއްވުނު މި ޚާއްސަ ރަސްމިއްޔާތުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ. އަދި ސީ.ބީ.އައި.ސީ ގެ ފަރާތުން ސޮއިކުރެއްވީ ސީ.ބީ.އައި.ސީ ގެ ޗެއާރމަން ޝްރީ އެމް. އަޖިތު ކުމާރުއެވެ.
ރާއްޖޭގެ ކަސްޓަމސް އިން ހާމަކުރެއްވި ގޮތުގައި މިއެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ ދެޤައުމުގެ ދެމެދުގައި އެކްސްޕޯޓް ކުރެވޭ މުދަލުގެ މަޢުލޫމާތު ހިއްސާކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމެވެ.
އެގޮތުން މި އެއްބަސްވުމުގެ ދަށުން ޙިއްސާކުރެވޭ މަޢުލޫމާތުގެ ޒަރިއްޔާއިން، ކަސްޓަމްސްގެ އާންމު ޤަވާއިދުގައި ބަޔާންކޮށްފައިވާ "މުޢާމަލާތުގެ އަގު ނުވަތަ ޓްރާންސެކްޝަނަލް ވެލިއު" ކަނޑައެޅުމަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތު ވަގުތުން ވަގުތަށް ލިބިގެންދާނެއެވެ.
އަދި މުދަލުގެ ބާވަތާއި ސައްޙަ އަގު އެނގި، އެގޮތުގެ މަތިން ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީ ކަށަވަރު ކުރުމުގައި ފަސޭހަވެ، އެކްސްޕޯޓް މަރުހަލާގައި ހަދާ "ކޮމާރޝަލް ފުރޯޑް" ދެނެގަތުމަށާއި ދަޢުލަތަށް ލިބެންޖެހޭ އާމްދަނީ އެންމެ ފުރިހަމައަށް ލިބޭނެކަން ޔަޤީންކުރުމަށްވެސް ފަސޭހަވެގެންދާނެއެވެ.
މީގެ އިތުރުން، ކަސްޓަމްސް ކްލިއަރަންސްގެ އިޖުރާއަތުތައް ފުރިހަމަކުރަން ހޭދަވާ ވަގުތު ކުޑަކުރެވި، ވިޔަފާރި އާއި ސަޕްލައި ޗެއިންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަވުމާއެކު އެކްސްޕޯޓް މަސައްކަތް ކުރައްވާ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށް މިއެއްބަސްވުމުގެ ސަބަބުން އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޓްރޭޑް ފެސިލިޓޭޝަން އެގްރީމެންޓް (ޓީ.އެފް.އޭ.) އަދި ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން (އާރު.ކޭ.ސީ) ގައިވެސް ދޭދޭ ޤައުމުތަކުގެ އެމް.އޯ.ޔޫގެ ދަށުން ޑޭޓާ ބަދަލުކުރުމަށް ވަނީ ވަރަށް ބޮޑަށް ބާރުއަޅާފައެވެ.
ކަސްޓަމްސް އިން ވަނީ މީގެ ކުރިންވެސް ބައެއް ޤައުމުތަކާއި އެކު މިފަދަ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އަދި އިތުރު ޤައުމުތަކާއެކުވެސް މިފަދަ
އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އެ އޮތޯރިޓީން ހާމަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ކަސްޓަމްސްގެ އިސްވެރިންގެ އިތުރުން، އިންޑިއާގެ ސީ.ބީ.އައި.ސީ ގެ އިސްވެރިންނާއި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!