ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުން ބިމުގެ ބައެއް މިހާރު އެއާޕޯޓަށް ކަނޑައެޅިފައިވާ ސަރަހައްދަށް އިތުރު ކުރުމާމެދު އެރަށުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލު ހޯދިފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުން މިހާރު އެއާޕޯޓަށް ކަނޑައެޅިފައިވާ ސަރަހައްދަށް 853،937 އަކަފޫޓުގެ ބިމެއް އިތުރު ކޮށްދެއްވުމަށް އެދި ޕްލޭނިން މިނިސްޓްރީން ހަނިމާދޫ ކައުންސިލުގައި އެދިލައްވާފައި ވަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. މި ބިމުގެ މައްސަލާގައި ހަނިމާދޫގެ ރައްޔިތުންނާއި ކުލަބް ޖަމްޢިއްޔާތަކުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން ސަރުކާރުން ވަނީ ބޭނުންވާ ބިމުގެ ސައިޒު ކުޑަކޮށްފައެވެ. އެގޮތުން ސަރުކާރުން ވަނީ ފަހުން 420،316 އަކަފޫޓުގެ ބިމެއް އިތުރު ކޮށްދެއްވުމަށް ކައުންސިލުގައި އެދިލައްވާފައެވެ. ނަމަވެސް އެކަމާދު އުފެދިފައިވާ ނުތަނަވަސް ކަމާއެކު ކައުންސިލުން މިކަމަށް ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

Ad
rt

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ހަނިމާދޫގެ ރައްޔިތުންނާއި ބައްދަލު ކުރަށްވާ އެކަމަށް ހައްލު ހޯއްދަވާދެއްވާފައިވާ ކަމަށެވެ.

ރައީސް ޞާލިޙް އުތުރަށް ކުރެއްވި ދަތުރުގައި މިއަދު ވަނީ ހަނިމާދޫ ރައްޔިތުންގެ ތެރެއިން ހޮވާލެވުނު 30 މީހަކާއި ބައްދަލު ކުރަށްވާ މަޝްވަރާ ކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ހަނިމާދޫ ޖަމިއްޔާތަކުން ބައިވެރިވި ބައިވެރިންގެ ފަރާތުން ވަނީ ހަނިމާދޫ ބިމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުން އެދި ރައީސަށް ދަންނަވާފައެވެ.

"އަޅުގަނޑުމެން އެއްވެސް އިރެއްގައި އެއާޕޯޓް ތަރައްގީ ކުރުމާ ދެކޮޅު ނޫން، އެވާހަކަ ތަކުރާރުކޮށް ދައްކަމުން މިދިޔައީ، މިއަދު ރައީސަށް ވެސް ދެންނެވީ އެގޮތަށް، އަޅުގަނޑުމެންގެ އަޑު ރައީސް އެއްސެވުކަމީ ލިބުނު ވަރަށްބޮޑު އުފަލެއް'' އެ ބައްދަލުވުމުގައި ބައިވެރިވި ޒުވާނަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެއާޕޯޓް ސަރަހައްދަށް އިތުރު ކުރަން ކުރިން އެދިފައިވާ ބިން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށާއި، އެ މަސައްކަތަށް އެންމެވީ އެންމެ ކުޑަ ބިމެއް އިތުރު ކުރަން ރައީސްއަށް ދެންނެވި ކަމަށެވެ.

"ކުރިން ބިން އިތުރުކުރަން އެދިފައިއޮތް ތަނަކީ މިހާރު މިރަށުގައި އެންމެ ރަނގަޅު ހުސްބިން އޮތް ސަރަހައްދު، އެތަން ދޫކޮށްލުމުން ރައްޔިތުން މޫދަށްއެރި އުފާކޮށްލަން ރަށުން ދެން ބާކީ އޮތްތަންކޮޅު ވެސް ގެއްލޭ، ގޯތި ދޭންވެސް އިޤްތިޞާދީ މަސައްކަތެއް ފަށަން ބެލިޔަސް މިހާރު މިރަށުގައި އޮތް އެންމެ ރަނގަޅު ބިމަކީއެއީ" އޭނާ ބުންޏެވެ.

އެ ބިން އެހެން ސަރަހައްދަކަށް ބަދަލުކޮށް، އެއާޕޯޓް ސަރަހައްދަށް އިތުރުކުރާނެ މިންވަރަކީ 4 ލައްކަ އަކަފޫޓްގެ ބިން ކަމަށް ރައީސް މިއަދު ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.

https://thiladhun.wonstasite.com/68600

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ބިމަށް ބިން އިތުރުކުރުމުގެ މައްސަލައަށް ރައީސް ޞާލިޙް ހައްލު ހޯއްދަވައިދެއްވިއިރު، ހަނިމާދޫގެ ތިން ޖަމިއްޔާ އިސްވެ، އެކަމާއި ކަންބޮޑުވުންފާޅުކޮށް އެކަން ހައްލުކޮށް ދިނުމަށް ވަނީ އަޑު އުފުލައި، އެކަމާއިމެދު ހުރި ކަންބޮޑުވުން ފާޅުކޮށް ރައީސް ޞާލިޙަށް ސިޓީއެއް ފޮނުވުމުގެ އިތުރުން ހަނިމާދޫ ރައްޔިތުންގެ ތެރެއިން 800 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ރައީސް ޞާލިހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ. އަދި އެއީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެކެވެ.