ހއ. ދިއްދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާގޮތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ.

ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ކޮނުމަށް ފަހު ބިންގަނޑު އެއްވަރު ކުރުމަށް ވެލި ބޭނުންކުރާނެއެވެ. އަދި ރަށް ގިރުމުން ސަލާމަތްކުރުމަށްޓަކާ 310 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމުގެ މަސައްކަތްވެސް ކުރާނެއެވެ.

Ad
rt

އެމްޓީސީސީން ބުނީ މިހާތަނަށް މި މަޝްރޫއުގެ 59 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިއީ 10.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 78،000 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 616 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި185 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމާއި 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 4320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓު ހެދުމާއިބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.

މި މަޝްރޫއަކީ 89.87 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީން ބުނީ މިހާތަނަށް މި މަޝްރޫއުގެ 20 އިންސައްތަ މަސައްކަތް މިހާރު ނިމިފައި ވާކަމަށެވެ.