ޚަލީލްގެ ކޮލަމް: ހަނިމާދޫ ފުޓްބޯޅަ ދަނޑު (ފުރަތަމަ ބައި)

Hanimaadhoo Football Ground 2015

ލިޔުމުގެ ހުލާސާ: ހަނިމާދޫއަކީ ފުޓްބޯޅައިގައި ދިގު ތާރީޚެއް އޮތް ރަށެކެވެ. ޒަމާނަށް އަންނަމުންދިޔަ ބަދަލުތަކާއިއެކު ފުޓްބޯޅަ ކުޅެން ބޭނުން ކުރެވެމުން އައިސްފައިވާ ދަނޑުތައް ވެސް އައީ ބަދަލުވަމުންނެވެ. މިގޮތުން މި ލިޔުމުގައި ކިޔުންތެރިންނަށް ހިއްސާ ކޮށްލަން ގަސްތުކުރަނީ ހަނިމާދޫގައި މިހާރު ފުޓްބޯޅަ ކުޅެން ބޭނުން ކުރަމުން އަންނަ ދަނޑުގެ ބިން އަލިކޮށް ބޭނުން ކުރަން ފެށުނު ހިސާބުން މިއަދާ ހިސާބައް އެތަނުގެ ކަންކަން ހިނގާދިޔަ ގޮތުގެ މައްޗަށެވެ.

ހަނިމާދޫގައި މިހާރު ފުޓްބޯޅަ ކުޅުމަށް ބޭނުން ކުރެވެމުންދާ ފުޓްބޯޅަ ދަނޑަކީ ދެހާސްވަނަ އަހަރު ދިވެހިރާއްޖޭގެ 50 ވަނަ ޤައުމީ ފުޓްބޯޅަ މުބާރާތުގައި ހިމެނޭ ހދ.އަތޮޅު މުބާރާތް ހަނިމާދޫގައި ބޭއްވުމަށް، ރާއްޖޭގެ ފުޓްބޯޅައާއި ބެހޭ މައި އިދާރާއިން ނިންމެވުމާއި ގުޅިގެން ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިސްނަގައިގެން ހަނިމާދޫގެ ރައްޔިތުނާނާއި ގުޅިގެން ކުރެވުނު މަސައްކަތުން އަލިކޮށް ބޭނުން ކުރަން ފެށިފައިވާ ދަނޑެކެވެ.

މައިގަނޑު ގޮތެއްގައި މަގުލާއި ކެޔޮވާތައް ހިމެނޭ އެ ސަރަހައްދުގެ ގަސްތައް ކޮށާފައި ވަނީ ހަނިމާދޫ އެއާޕޯޓުގައި އޭރު ބޭނުން ކުރަމުންދިޔަ ޓްރެކްޓަރުގައި ހަރުކޮށްފައިވާ ދަތި ބޭނުން ކޮށްގެންނެވެ. އެއަށްފަހު ރައްޔިތުންނާއި ޒުވާނުން ނުކުމެ ވަނީ ބިން ސާފުކޮށް ކުރު މުއްދަތެއްގެ ތެރޭގައި ދަނޑު ބޭނުން ކުރެވޭވަރު ކޮށްފައެވެ. އެ ދަނޑު އަލަށް ބޭނުން ކުރަން ފެށިއިރު އެ ދަނޑަކީ ފަސްމަޑު އަދި ފުޓްބޯޅަ ކުޅުމަށް އެހާމެ އުނދަގޫ ދަނޑެކެވެ.

ދަނޑު ފަސްމަޑުވުމުގެ ސަބަބުން ކުޅެން ކިތަންމެ އުނދަގޫވިޔަސް ހަނިމާދޫގައި އެ ދުވަސްވަރު އާންމުކޮށް ފުޓްބޯޅަ ކުޅުމަށާއި އަދި މުބާރާތްތައް ކުޅެންވެސް ބޭނުން ކުރަމުން އައިސްފައިވަނީ އެ ދަނޑެވެ. ކޮންމެ އަހަރަކު އަތޮޅު މުބާރާތަށް ހަނިމާދޫ ޓީމް ފަރިތަކުރުންތައް ވެސް ބާއްވަމުން އައިސްފައިވަނީ އެތަނުގައެވެ.

2001 ވަނަ އަހަރާއި 2002 ވަނަ އަހަރު ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ފުޓްބޯޅަ ޓީމް ޒޯން ޗެމްޕިއަންކަން ހޯދައި، މާލޭގައި ބާއްވާ ޒޯން ފައިނަލް ބުރުގައި ވާދަކުރުމުން ހަނިމާދޫގެ ފުޓްބޯޅައިގެ ހުނަރު ފާހަގަކުރެވި އޭރުގެ ސްޕޯޓްސް މިނިސްޓްރީން ހަނިމާދޫގެ ފުޓްބޯޅަ ދަނޑުގެ އަޕްގްރޭޑް ކުރުމުގެ ގޮތުން ފުޓްބޯޅަ ދަނޑު ހިމެނޭ ކުޅިވަރު ބިމުގެ ވަށާފާރު ރާނައި ނިންމާފައި ވަނީ 2003 ވަނަ އަހަރުއެވެ. އެއީ ގާތްގަނޑަކަށް ހަތަރު ލައްކަ އަކަފޫޓުގެ ބިމެކެވެ.

1993 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާއި ހިސާބަށް ހަނިމާދޫގައި އޮތީ މަދަނީ އެންމެ ޖަމްޢިއްޔާއެކެވެ. އެއީ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއެވެ. ވުމާއެކު އެ ދުވަސްވަރު ހަނިމާދޫގައި ފުޓްބޯޅަ މުބާރާތްތައް ހިންގަމުން އައިސްފައިވަނީ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިންނެވެ. ފުޓްބޯޅަ ދަނޑާއި ދަނޑު ހިމެނޭ ކުޅިވަރު ބިން ވިނަކޮށައި ބަލަހައްޓަމުން އައިސްފައިވަނީ ވެސް ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިންނެވެ.

2007 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަނިމާދޫގައި އިތުރު ކުލަބެއް ރަޖިސްޓަރީ ކުރެވިގެން ދިޔައެވެ. އެއީ ސާއްބަ އެކުވެރި ކުލަބެވެ. ސާއްބަ ރަޖިސްޓަރީވީ ފަހުން ދެން މިއައި މުއްދަތުގައި ހަނިމާދޫ ފުޓްބޯޅަ މުބާރާތްތައް ހިންގުމާއި މުބާރާތްތަކުގައި ބައިވެރިވުމާއި އަދި ފުޓްބޯޅަ ދަނޑު ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އައިސްފައިވަނީ ސާއްބައާއި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިންނެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިސްނަގައިގެން ދަނޑުގައި ރޭގަނޑު ފުޓްބޯޅަ ކުޅެވޭނެ ގޮތް ހެދުމުގެ މަޤުޞަދުގައި ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް 2008 ވަނަ އަހަރު ވަނީ ކޮށްފައެވެ. ހެޔޮއެދާ ފަރާތްތަކުގެ އެހީތެރިކަމާއިއެކު ދަނޑުގެ ކޮންމެ ފަޅިއެއްގައި ތިން ލައިޓް ޕޯސްޓްޖަހައި ކޮންމެ ޕޯސްޓެއްގައި ހަތަރު ސަތޭކަ ވޯޓުގެ ދެ މާކަރީ ހަރުކުރެވި ދަނޑު ރޭގަނޑު ކުޅުމަށް ބޭނުން ކުރެވޭގޮތް ހެދިއެވެ. ނަމަވެސް އެ މިންވަރުން އެންމެ ބޭނުންވާވަރަށް ދަނޑު އަލި ކުރެވިފައިނުވެއެވެ. ލައިޓް އިތުރު ކުރުމުގެ މަސައްކަތް ހުއްޓިގެން ގޮސްފައިވަނީ އެކަށީގެންވާ ބަޖެޓް އެކަމަށް ނުލިބުމުގެ ސަބަބުންނެވެ.

2008 ވަނަ އަހަރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ވިނަ ޖެހުމުގެ ހަރަކާތެއް ކުރިއަށް ގެންދެވިފައިވެއެވެ. ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ލީޑުކުރި މި ހަރަކާތުގެ ދަށުން އެ ފަހަރު ދަނޑުގެ އެއްކޮށް ވިނަ އިންދާފައިވެއެވެ. ވިނަ އިންދުމަށްފަހު ދެ އަހަރެއްހާ ދުވަހު އެ ދަނޑު ކުޅުމަށް ބޭނުން ނުކޮށް ބޭއްވި ނަމަވެސް ވިނަ އިންދުމުގައި އެންމެ އެކަށޭނަ ގޮތްތަކަށް އެކަން ކުރެވިފައި ނުވުމާއިއެކު އެކަން އެ ފަހަރު ވެސް ކާމިޔާބުވެފައި ނުވެއެވެ.

ހަނިމާދޫގެ ރަސްމީ ފުޓްބޯޅަ ދަނޑަކީ އެ ދުވަސްވަރު ހަމައެކަނި ފުޓްބޯޅަ ކުޅެން އޮތް ދަނޑަށް ވެފައި، އެ ތަނުގައި ވިނަ އިންދައި ހައްދަން ބޭނުންނަމަ ވިނަ އިންދާ ހެއްދުމަށް ހޭދަވެގެންދާ މުއްދަތުގައި ފުޓްބޯޅަ ކުޅުމަށް އެހެން ދަނޑެއް ބޭނުންވާތީ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއާއި ސާއްބަ އެކުވެރި ކުލަބް ގުޅިގެން 2009 ވަނަ އަހަރު ހަނިމާދޫގައި އައު ފުޓްބޯޅަ ދަނޑެއް އަލިކުރުމުގެ މަސައްކަތް ކުރެވިފައިވެއެވެ. އެ ދަނޑު އެއްކޮށް ކޮށާލެވުނު ނަމަވެސް އެތަން ސާފުކޮށް ބޭނުން ކުރެވޭވަރު ވެފައި ނުވެއެވެ.
(ނުނިމޭ)

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *