އުމުރުން 6 އަހަރާއި 9 މަހުގައި ކީރިތި ޤުރުއާން ހިތުދަސްކުރި ބ.ހިތާދޫ، ޑެއިޒީމާގެ، އަމަން އަޙްމަދު ޢާޠިފާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ބައްދަލުކުރައްވައިފިއެވެ.
މިގޮތުން އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސް ޞާލިޙްގެ ދެކަނބަލުން ވަނީ، އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރު އަމަން އަޙްމަދު ޢާޠިފަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.
މިހާ ޅަ އުމުރެއްގައި އަމަން، ކީރިތި ޤުރްއާން ހިތުދަސްކުރީތީ އެކަމަށް ތަޢުރީފް ކުރައްވައި، އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި އަމަންގެ މައިންބަފައިން އެކަމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ، އަމަންގެ މަންމަ، ލުބާނާ މުޙައްމަދަށާއި ބައްޕަ އަޙްމަދު އާޠިފަށްވެސް، ރައީސް ޞާލިޙް ޝުކުރު އަދާކުރެއްވި ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.
މިބައްދަލުކޮށްލެއްވުމުގައި ކީރިތި ޤުރުއާން ހިތުދަސްކުރުމަށް އަމަން ޝައުޤުވެރިވި ގޮތާގުޅޭގޮތުން ރައީސް ޞާލިޙް މަޢުލޫމާތު އޮޅުންފިލުވާފައިވާއިރު، ރައީސްގެ އެދިވަޑައިގަތުމަކަށް އަމަން ވަނީ ކީރިތި ޤުރްއާނުގެ ކުރު ސޫރަތެއް ކިޔައިވެސް ދީފައެވެ.
އަމަން، ކީރިތި ޤުރުއާން ހިތުދަސްކުރުމާގުޅިގެން، އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގެ ފަރާތުން ދިން ތަށްޓާއި ހަނދާނީ ލިޔުން، ރައީސް ޞާލިޙް ވަނީ މި ބައްދަލުކުރެއްވުމުގައި، އަމަންއާ ޙަވާލުކޮށް ދެއްވާފައެވެ. އަދި އަމަންގެ މަސައްކަތަށް ހިތްވަރުދެއްވުމުގެ ގޮތުން ޚާއްޞަ އިނާމެއް ރައީސް ވެސް ވަނީ އަމަންއަށް ދެއްވާފައެވެ.

އަމަން، ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށްޓަކައި ޙާފިޡު ކަމުގެ އިމްތިޙާނުގައި ބައިވެރިކުރެއްވުމަށް އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން މިހާރުވަނީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހަޅާފައެވެ.
އެކްސެލް އިންޓަރނޭޝަނަލް ސްކޫލަކީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީ ކޮށްގެން އެމެރިކާގެ ކަރިކިޔުލަމަކަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. އަދި ކޯރ ކަރިކިޔުލަމްގެ ގޮތުގައި ކީރިތި قرآن ، އިސްލާމް، ޢަރަބި އަދި ދިވެހިބަސް މި ސްކޫލުގައި ކިޔަވައިދެމުން ގެންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!