މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ އޫރުމަހާއި ބަނގުއާވި ނައްތާލައިފި އެވެ.
މި ތަކެތި ނައްތާލާފައިވަނީ 10 އަދި 13 ޖުލައި 2021 ދެދުވަހު ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައެވެ.
މިގޮތުން 300 ކެގްސްގައި ހުރި 9000 ލިޓަރުގެ ބަނގުއާވި ނައްތާލާފައިވާއިރު، 10860 ދަޅުގައި ހުރި 4122 ލިޓަރުގެ ބަނގުއާވި ނައްތާލި ކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ.
މީގެއިތުރުން 458 ކޭހުގައި ހުރި 6644 ކިލޯގެ އޫރު މަސްވެސް ވަނީ ނައްތާލާފައި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލާފައިވާ ތަކެއްޗެވެ.
އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން
ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.
ފުލުހުންގެ ޚިދުމަތުން ވެސް ވަނީ ތަފާތު އެކި މައްސަލަތަކާ ގުޅިގެން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ މަސްތުވާތަކެތީގެ ތެރެއިން، 176.55 ކިލޯގްރާމްގެ މަސްތުވާތަކެތި ނައްތާލެއްވިކަން އިއްޔެ ހާމަކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!