ޢީދު ޗުއްޓީ ހޭދަކުރުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުކުރުމަށް ހއ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފިއެވެ.
މި އިލްތިމާސާއެކު އެ ކައުންސިލުން އެ އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށުގެ ރަށު ކައުންސިލުތަކަށް ފޮނުވާފައިވާ މެސެޖުގައި ވިދާޅުވެފައިވަނީ ޗުއްޓީގައި ދަތުރު ކުރުމާއި އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާއި އެއްގޮތަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން އީދު ޗުއްޓީ ދުވަސްތައް ހޭދަކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
މި މެސެޖާއިއެކު ކޯވިޑް-19 ބަލީގެ މިހާލަތުގައި ޗުއްޓީ ހޭދަކުރާއިރު އަދި އީދު ފާހަގަ ކުރުމުގައި އުޅޭއިރު ސަމާލުވާންޖެހޭ ކަންތައްތައް ހިމަނައި އެޗްޕީއޭއިން މި މަހުގެ 11 ވަނަ ދުވަހު ނެރެފައިވާ އިޢުލާނުގެ ކޮޕީއެއް ވެސް ވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލްތަކަށް ފޮނުވާފައެވެ.
އެ އުޢުލާނުގައި އެންމެންގެ ރައްކާތެރިކަމަށްޓަކައި ގިނަ ކަންތައްތަކަކަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އެ ގޮތުން ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކު އަޅާ، ތިމާއާއި ދިރިއުޅޭ މީހުން (އެއް ބަބުލްގެ މީހުން ފިޔަވައި) އެހެންމީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު އަދި އެކި ޚިދުމަތްތައް ހޯދަން ދިއުމުގައި ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭގޮތަށް މާސްކު އެޅުމަށް ވަނީ އެދިފައެވެ.
އިތުރަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އެދިލައްވާފައިވާ ކަންކަން
- ގިނަމީހުން އެއްވެގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުން، އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ޙަރަކާތްތައް އިޚްތިޔާރުކުރުން އަދި އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުން،
- ކުޅިވަރު މުބާރާތްތައް ނުބޭއްވުން،
- ކެފޭ ރެސްޓޯރަންޓްތަކާއި، ފިހާރަތަކާއި، ޕާރކްތަކާއި، މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުން،
- ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިންގެ ލަފާ ހޯދުމާއި ފްލޫ ކްލިނިކަށް ދައްކާ ޓެސްޓުކުރުން. އަދި ޓެސްޓުކުރުމަށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބެންދެން ގޭގައި މަޑުކުރުން،
- ކަރަންޓީނުގައި ތިބެންޖެހޭ ފަރާތްތަކުން ކަރަންޓީނު އުޞޫލުތަކަށް ފުރިހަމައަށް އަމަލުކުރުން،
ހއ. އަތޮޅު ކައުންސިލުން މި އިލްތިމާސް ކުރެއްވިއިރު، އެ ކައުންސިލް ހުންނަ ހއ. ދިއްދޫގެ ކޯވިޑްގެ ހާލަތު އޮތީ އަދިވެސް ގޯސްކޮށެވެ. މިގޮތުން ދިއްްދޫ ކްލާސްޓާއާއި ގުޅިގެން މިވަގުތު ވެސް 82 ކޯވިޑް ބަލި މީހުން ދިއްދޫގައި އެބަތިއްބެވެ. އަދި އެރަށް އޮތީ ވެސް މޮނިޓަރިން ހާލަތުގައެވެ.
އީދު ބަންދާއި ކުރިމަތިލާއިރު ސަރުކާރުން އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު ކޯވިޑް ފެތުރުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް އެ ބަލި ފެތުރުމުގައި އަތޮޅު ތެރޭގައި އޮތް ނުރައްކާ އަދިވެސް ބޮޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!