ހޫނު މޫސުމުގައި ހދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ބޯފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އިޢުލާން ކޮށްފިއެވެ.
14 ޖުލައި 2021 ވީ ބުދަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެއްލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 1 އޯގަސްޓު 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އާ ހަމަޔަށް ހުޅުވާލެވިފައިވާ ކަމަށެވެ.
އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. އޮންލައިންކޮށް ރަޖިސްޓަރީވުމުގެ ކަންކަން ލިންކް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމުގައި އެ ޢިއުލާނުގައި ބުނެފައިވާއިރު، މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 8 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އެ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.
އެ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ މި މަސައްކަތަށް ހުށަހެޅޭ ބީލަންތައް ހުޅުވުން އޮންނާނީ 15 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައި ކަމަށާއި، ބީލަމުގައި ބައިވެރިވެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ.
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައި ކަމަށާއި ބޭރުގައި ބީލަމަށް ދެވިފައިވާ ނަން އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެ ކަމުގައި އެ އިޢުލާނުގައި ބުނެފައިވެއެވެ.
މި ކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން އެ ކައުންސިލުގެ ފޯނު ނަމްބަރ 6521643 ގުޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!