ބައިނަލްއަޤުވާމީ ފަރާތެއްގެ މައްޗަށް ރައްދުވާގޮތަށް ނުވަތަ އެފަރާތުގެ ބޭނުމަށް ނެރޭ އަމުރުތަކާއި ބިދޭސީ އެއްގެ
މައްޗަށް ނެރޭ އަމުރުތައް އިނގިރޭސި ބަހުން އޮތުމަށް ހުރަހެއް ނެތްކަމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.
މިކަން އަންގާފައި ވަނީ، މިކަމާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސޮއި ކުރައްވާ ޝަރުޢީ ކޯޓުތަކަށާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް ފޮނުއްވި " ޕްރެކްޓިސް ޑައިރެކްޝަން" އެއްގަ އެވެ.
މި ޕްރެކްޓިސް ޑައިރެކްޝަނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ކޯޓެއްގެ ސަރަޙައްދީ އިޚްތިޞާޞް ނުހިނގާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދެއްގައި ނުވަތަ ދިވެހިރާއްޖޭގެ ސަރަޙައްދުން ބޭރުގައިހުރި މީހަކު ނުވަތަ އުޅަނދެއް ނުވަތަ އެއްޗަކާ ގުޅިގެން ދޫކުރަންޖެހޭ ކޯޓު އަމުރު، ބައިނަލްއަޤުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން ދޫކުރުމުގެ ބާރު ލިބިގެންވަނީ ކްރިމިނަލް ކޯޓަށްކަމަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވާކަމަށެވެ.
Practice Direction: SCPD-08/2021https://t.co/0PvX15W9qd pic.twitter.com/mq2lI04Js0
— Supreme Court of the Maldives (@SCMaldives) July 12, 2021
އެކަމަށް ރިއާޔަތްކޮށް، ބައިނަލްއަޤުވާމީ ފަރާތެއްގެ މައްޗަށް ރައްދުވާގޮތަށް ނުވަތަ އެފަރާތުގެ ބޭނުމަށް ނެރޭ އަމުރުތަކާއި ބިދޭސީ އެއްގެ މައްޗަށް ނެރޭ އަމުރުތައް އެ ފަރާތްތަކަށް ދޭހަވާނޭފަދަ ބަހަކުން އޮތުމަކީ މުހިއްމުކަމެއް ކަމަށް އެ ޕްރެކްޓިސް ޑައިރެކްޝަނުގައި ބުނެފައި ވެއެވެ.
އެހެންކަމުން މި އަމުރުތައް ނެރުމުގައި ކްރިމިނަލް ކޯޓަށްކަމަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ހުރި ކަންކަން ހިމެނޭގޮތަށް އިނގިރޭސި ބަހުން އެ އަމުރުތައް ނެރުމަށް ހުރަހެއް ނެތް ކަމަށް ވެސް އެ ޕްރެކްޓިސް ޑައިރެކްޝަނުގައި ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!