މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ އާއި ހދ. ނޮޅިވަރަމުގައި ހިންގި އޮޕަރޭޝަންތަކެއްގައި 2 މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކައި މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުން ވިދާޅުވީ، އެ އިދާރާގެ އިންޓެލިޖެންސަަށް ލިބުނު މައުލުމާތަކާ ގުޅިގެން މި މަހު 10 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގުނުކަމަށެވެ.
އެގޮތުން، ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާއި 14 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން، ހދ. ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މަހުގެ 7 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 16 ސެލޯފިންކޮޅު ފެނިފައިވާކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއްވިއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފާވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން ވެސް ފުލުހުން ވަނީ ރާއްޖޭގެ ބައެއް އެހެން ހިސާބުތަކުގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެއްޗެއްސާއިއެކު މީހުން ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!