ކޯވިޑް-19 ބަލީގެ މިހާލަތުގައި ޗުއްޓީ ހޭދަކުރާއިރު އަދި އީދު ފާހަގަ ކުރުމުގައި އުޅޭއިރު ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) އިލްތިމާސްކޮށްފިއެވެ

އެޗްޕީއޭއިން މިރޭ އާންމު ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ، ކޯވިޑް-19 ފެތުރުމުގެ ޙާލަތު ރަގަޅުވަމުން ދިއުމާގުޅިގެން ލުއިތައް ދެވިފައިވާ މި ދަނޑިވަޅުގައި ޚާއްޞަ ގޮތެއްގައި ޗުއްޓީ ހޭދަކުރުމަށާއި، ތަންތަނަށް ދަތުރުކުރެއްވުމުގައި އަދި އީދުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަށްވާ ކަމަށެވެ.

Ad
rt

މީގެއިތުރުން އާންމު ދިރިއުޅުމުގައާއި އެކި އެކި ޚިދުމަތްތައް ހޯދުމާއި ފޯރުކޮށްދިނުމުގައާއި އަދި ދަތުރު ފަތުރުކުރުމުގައި ކޯވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރަށްވާފައެވެ.

އެންމެންގެ ރައްކާތެރިކަމަށްޓަކައި ހަތް ކަމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. އެ ގޮތުން ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކު އަޅާ، ތިމާއާއި ދިރިއުޅޭ މީހުން (އެއް ބަބުލްގެ މީހުން ފިޔަވައި) އެހެންމީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު އަދި އެކި ޚިދުމަތްތައް ހޯދަން ދިއުމުގައި ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭގޮތަށް މާސްކު އެޅުމަށް ވަނީ އެދިފައެވެ.

އިތުރަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އެދިލައްވާފައިވާ ކަންކަން

  • ގިނަމީހުން އެއްވެގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުން، އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ޙަރަކާތްތައް އިޚްތިޔާރުކުރުން އަދި އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުން،
  • ކުޅިވަރު މުބާރާތްތައް ނުބޭއްވުން،
  • ކެފޭ ރެސްޓޯރަންޓްތަކާއި، ފިހާރަތަކާއި، ޕާރކްތަކާއި، މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުން،
  • ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިންގެ ލަފާ ހޯދުމާއި ފްލޫ ކްލިނިކަށް ދައްކާ ޓެސްޓުކުރުން. އަދި ޓެސްޓުކުރުމަށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބެންދެން ގޭގައި މަޑުކުރުން،
  • ކަރަންޓީނުގައި ތިބެންޖެހޭ ފަރާތްތަކުން ކަރަންޓީނު އުޞޫލުތަކަށް ފުރިހަމައަށް އަމަލުކުރުން،

ކޯވިޑް-19 ފެތުރުމުގެ ޙާލަތު ރަގަޅުވެފައިވާ މި ދަނޑިވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުން ދުރުހެލިވުމަށްޓަކައި އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރެއްވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިދަނޑިވަޅުގައި ދެވުނު ލުއިތަކުގެ ތެރޭގައި ބަލިޖެހިފައި 60 ދުވަސް ނުވާމީހުން ނަށް ކަރަންޓީނުވުމަކާއި ނުލާ ދަތުރުކުރެވެއެވެ. މީގެ އިތުރުން، ވެކްސިން 2 ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކާއި 18 އަހަރު ނުވާ ކުޑަކުދިން ނެގެޓިވް ޕީސީއާރު ޓެސްޓްއަކާއި އެކު ކަރަންޓީނުވުމެއްނެތި ދަތުރުކުރެވޭނެކަމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.