ކޮޕާ އެމެރިކާ ފައިނަލް: ބްރެޒިލް ބަލިކޮށް އެންމެ ފަހުން މެސީގެ އުންމީދު ފުރިހަމަކޮށްފި

F34DC35E-BA4E-478C-9772-F4EAFBBC09FE

  •  
  •  
  •  
  •  
  •  
  •  
  •  

ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ބްރެޒިލް ބަލިކޮށް އާޖެންޓީނާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ފަތިހު ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލްގެ މައްޗަށް އާޖެންޓީނާއިން ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

މިއީ އުމުރުން 34 އަހަރުގެ ދުނިޔެދުއް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ  އާޖެންޓީނާގެ މިހާރުގެ ކެޕްޓަން ލައިނަލް މެސީގެ ސީނިއާ ފުޓްބޯޅަ ކެރިއާގައި އާޖެންޓީނާއާއިއެކު ހޯދި ފުރަތަމަ ކާމިޔާބީއެވެ.

މެސީ ވަނީ އާޖެންޓީނާއާއިއެކު މީގެ ކުރިން ވެސް ތިން ފަހަރެއްގައި މި މުބާރާތުގެ ފައިނަލުގައި ވާދަ ކޮށްފައެވެ. އެއީ 2007، 2015 އަދި 2016 ވަނަ އަހަރުގެ މުބާރާތެވެ. އެ ތިން މުބާރާތުގެ ފައިނަލް މެޗުން ވެސް އާޖެންޓީނާ ވަނީ ބަލިވެފައެވެ. މި އަހަރުގެ މުބާރާތުގައި މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާއަށާއި އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ މެސީއެވެ.

މި މުބާރާތުގެ އެއްވެސް މެޗަކަށް ސަޕޯޓަރުން ވައްދާފައި ނުވި ނަމަވެސް ފައިނަލް މެޗަށް ވަނީ 7000 ސަޕޯޓަރުން ދަނޑަށް ވައްދާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ޑިޕައުލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިމަރީއާއެވެ. މި ހާފުގައި ބްރެޒިލްއަށް ލަނޑުޖަހާނެ މާ އެދެވޭ ފުރުޞަތެއް ހޯދިފައި ނުވެއެވެ.

ދެ ޓީމްގެ ފަރާތުން ވެސް ގިނަ ފައުލްތަކެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފުގައި ބްރެޒިލްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ހާއްސަކޮށް އެ ޓީމްގެ ތަރި ނޭމާގެ ފަރާތުން ފެނުނު ކުޅުން ފާހަގަ ކުރެވެއެވެ. މެޗުގެ 51 ވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް ރިޗާލިސަން ގޯލެއް ކާމިޔާބުކުރި ނަމަވެސް އެވަގުތު އޭނާ އޮފްސައިޑްގައި ހުރުމުން ރެފްރީވަނީ އެ ލަނޑު ކެންސަލްކޮށްފައެވެ. އެއަށްފަހު ވެސް ރިޗާލިޝަންއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިގެން ގޮސްފައެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ އާޖެންޓީނާގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

މީގެ އިތުރުން ވެސް ބްރެޒިލުން ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ވަނީ ގޯލެއް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މެސީއަށް ވަނީ ލީޑު ފުޅާ ކުރުމަށް ހުސް ފުރުޞަތެއް ލިބި ބޭކާރު ވެފައެވެ.

މިއީ 1993 ވަނަ އަހަރަށް ފަހު އާޖެންޓީނާއަށް ހޯދުނު މިފަދަ ފުރަތަމަ ކާމިޔާބީއެވެ. މި ކާމިޔާބީއާއި އެކު މި މުބާރާތް އެނެމެ ގިނައިން ކާމިޔާބު ކޮށްފައިވާ އުރުގުއޭއާއި އާޖެންޓީނާ ވަނީ އެއްވަރު ވެފައެވެ. ކޮޕާއެމެރިކާ ތަށި އާޖެންޓީނާއާއި އުރުގުއޭ ވަނީ 15 ފަހަރު ކާމިޔާބު ކޮށްފައެވެ. ބްރެޒިލްއަށް މި މުބާރާތް ކާމިޔާބު ކުރެވިފައިވަނީ 9 ފަހަރުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.