ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ކޮލަމްބިއާގެ މައްޗަށް ކުރި ހޯދައި އާޖެންޓީނާއިން ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކޮށްފިއެވެ.
އަންގާރަ ދުވަހުގެ ފަތިހު ސެމީފައިނަލުގެ ފުރަތަމަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް ޖާގަ ހޯދާފައިވާއިރު، ރޭ ފަތިހު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އާޖެންޓީނާއިން ކޮލަމްބިއާގެ މައްޗަށް ކުރި ހޯދާފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 1-1 ގެ ނަތީޖާއިން އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި 3-2 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު އާޖެންޓީނާއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މެސީގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮށްދީފައި ވަނީ މާޓިނޭޒްއެވެ. ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކޮލަމްބިއާގެ ޑިފެންޑަރ ވިލިއަމް ޓެސިއްލޯ ފޮނުވާލި ބާރު ހަމަލާއެއް އާޖެންޓީނާގެ ގޯލުގެ ދަނޑިއަށް އަމާޒުވީއިރު، އޭގެ މިނެޓެއް ފަހުން ކޮލަމްބިއާގެ ޑިފެންޑަރ ޔެރީ މިނާ ބޮލުން ފޮނުވާލި ހަމަލާވެސް ވަނީ އާޖެންޓީނާގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.
ކޮލަމްބިއާއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 61 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައި ވަނީ އެޑްވިން ކާޑޮނާގެ އެހީތެރިކަމާއި އެކުގައެވެ. މެޗުގައި ލީޑު ފުޅާ ކުރުމަށް އާޖެންޓީނާގެ މާޓިނޭޒް އަށް ވަނީ ހުސް ފުރުޞަތެއް ލބި ބޭކާރުވެފައެވެ. ކޮލަމްބިއާގެ ޑިފެންސް ތެރޭން ހެދުނު ގޯހަކުން ޑިމާއިރާ ކޮލަމްބިއާގެ ކީޕަރުގައިން ނައްޓާލުމަށް ފަހު ތަނަވަސް ކޮށްދިން ފުރުޞަތުގައި މާޓިނޭޒް ފޮނުވާލި ހަމަލާ ދިފާއު ކޮށްފައިވަނީ ކޮލަމްބިއާގެ ޑިފެންޑަރުންނެވެ. މެޗުގެ 80 ވަނަ މިނެޓުގައި މެސީ ފޮނުވާލި ހަމަލާ ވެސް ގޯލަށް ވަންނަ ގޮތެއް ނުވިއެވެ. އެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ދެ ޓީމް އެއްވަރު ވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ. ކޮލަމްބިއާއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު އެމިލާނޯ މާޓިނޭޒް ވަނީ މަތަކޮށްފައެވެ. އާޖެންޓީމާއިމް ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފައެވެ. އާޖެންޓީނާއިން ޕެނަލްޓީ މިސް ކޮށްލާފައި ވަނީ ޑިޕައުލްއެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ގޮސްފައި ވަނީ ހުރަސްދަނޑި މަތިން ބޭރަށެވެ.
މި މުބާރާތުގައި ބްރެޒިލް އަދި އާޖެންޓީނާ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ ފަތިހު 05:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!