ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ދުވަސް ނުފުރާވިހޭ، އެއްމާބަނޑު ދެކުދިންގެ ފުރާނަ ސަލާމަތްކޮށް އިތުރު ރެކޯޑެއް ހަދައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، އެހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް އާރޓިފިޝަލް ސާރފެކްޓެންޓް (Artificial Surfactant) ގެ ހިދުމަތްދީ، ދުވަސްނުފުރާ ނެގުނު އެއްމާބަނޑު ދެކުދިންގެ ފުރާނަ ސަލާމަތްކޮށްފައިވާކަމަށެވެ.

Ad
rt

އާރޓިފިޝަލް ސާރފެކްޓެންޓް (Surfactant Artificial) ހިދުމަތަކީ ދުވަސްނުފުރާ ނެގޭ ކުދިންގެ ނޭވާލުމުގެ ނިޒާމު ފުރިހަމަނުވެ ހުންނަ މައްސަލައަށް ހައްލު ހޯދައިދީ ފުއްޕާމޭ ހުޅުވާލުމަށް އެހީވެދޭ ހިދުމަތެކެވެ. މިއީ، މާލެ ސަރަހައްދުން ބޭރުން އަތޮޅުތެރޭގައި ފުރަތަމަ ފަހަރަށް ދެވުނު ހިދުމަތެއްކަމަށް އެހޮސްޕީޓަލުން ހާމަކޮށްފައިވެއެވެ.

"27 މެއި 2021 ގައި އެމަރޖެންސީ ސިޒޭރިއަންއެއް ހަދައި 29 ވަނަ ހަފްތާގައި ނެގުނު އެއްމާބަނޑު ދެ ފިރިހެން ކުދިންގެ ނޭވާލާއި ނިޒާމު ފުރިހަމަ ނުވުމާއި، ބަރުދަން ވަރަށް ބޮޑަށް ލުއިކޮށް ހުރުމުގެ ސަބަބުން ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ކުޑަކުދިންގެ އައި.ސީ.ޔޫ ގައި ފަރުވާ ދޭން ފެށުނު،"

ނޫސްތަކަށް މަޢުލޫމާތު ދެއްވަމުން އެހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.

މިފަދަ ކޭސްއެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކޮށްލަން ލިބުނުކަމީ އެއީ ލިބުނު ފަޚުރެއް ކަމަށް ވިދާޅުވެ، މި ކޭސްގައި މަސައްކަތްކުރެއްވި ޑަކްޓަރުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ ޑރ. އަޙްމަދު ޙުސައިން ވިދާޅުވީ، ދުވަސްނުފުރާ ނަގަންޖެހުމުގެ ސަބަބުން ނޭވާލުމުގެ ނިޒާމު ފުރިހަމަވެފައި ނުވުމުގެ އިތުރަށްވެސް އެތަކެއް ސިއްޙީ މައްސަލަތަކާއި އެ ތުއްތު ދެބައިންނަށް ކުރިމަތިލާންޖެހުނުކަމަށެވެ.

މީގެއިތުރުން 40 ދުވަހުގެ މި ދިގު މުއްދަތުގެ ފަރުވާ ކާމިޔާބުކޮށް ދެކުދިން ދޫކޮށްލެވުނީ އެން.އައި.ސީ.ޔޫ ގައި މަސައްކަތްކުރެއްވި މެޑިކަލް އޮފިސަރުން އަދި ނަރުހުންގެ ކެތްތެރި މަސައްކަތުންކަން ފާހަގަކުރެއްވިއެވެ.

"މި ކޭސް ކުރިޔަށް ގެންދެވިފައިވާނީ ކުދިންގެ ހާލަތު ބެލެނެވެރިންނަށް ހިއްސާކޮށް، މިކަމުގައި ހުރި ޕޮސިބިލިޓީސްތައް އަދި ރިސްކު ފެކްޓަރތައް ކިޔާއިދެވި ބެލެނިވެރިންގެ ފުރިހަމަ އިތުބާރާއި އެކު"

މިވަގުތު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކުޑަކުދިންގެ ޑިޕާރޓްމެންޓާއި ހަވާލުވެ ހުންނެވި ޑރ. މުޙައްމަދު ފައިސަލް މި ކޭސްގެ ކާމިޔާބީއާއި މެދު ހިތްހަމަޖެހޭކަން ހާމަކުރައްވަމުން ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުޙައްމަދު ފައިސަލް ވިދާޅުވިގޮތުގައި، މިހާރު ކުޅުދުއްފުށީ ރީޖަނަލް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހޮސްޕިޓަލްގެ ކުޑަކުދިންގެ ޑިޕާޓްމެންޓްގެ ފަރާތުން ވަރަށް މަދު ހާލަތެއްގައި މެނުވީ މާލެއަށް ކޭސްތައް ރެފާރ ނުކުރާނެކަމަށާއި މާލެއާއި އެއް ފެންވަރަށް ނުވަތަ ގާތަށް މިހާރު އެ ހޮސްޕިޓަލުގައިވެސް ހިދުމަތް ދެވެން ހުރުމުންކަމަށެވެ

"މިއީ ސިއްހީ ހިދުމަތް ލިބިގަންނަ މީހުން މާލެއަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ ކަމެއް، މިގޮތުން، ކުޅުދުއްފުށި އަދި އުތުރުގެ ރައްޔިތުންގެ އިތުރަށް މުޅި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ލިބިގެންދާނެ ލުޔެއް"

ޑރ. މުޙައްމަދު ފައިސަލް ވިދާޅުވި އެވެ.

މި ކޭސް ކާމިޔާބު ކުރެއްވީވެސް ދަތިތަކެއް ނެތި ނޫންކަމަށް ދަންނަވަމުން، ޑރ. ފައިސަލް އިތުރަށް ވިދާޅުވީ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ކުރިއެރުވުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މިފަދަ ކޭސްތައް މެނޭޖްކުރުމުގެ ޤާބިލްކަން ހޮސްޕިޓަލުގައި ހުރިކަމަށް ރައްޔިތުންގެ އިތުބާރުނެތުންކަމަށެވެ.

"މިހާރު އަޅުގަނޑުމެން ރައްޔިތުންނަށް ޔަޤީންކަން އަރުވަން ބޭނުންވަނީ މި ދާއިރާއިން މާލެއާއި އެއް ފެންވަރަކަށް މި ހޮސްޕިޓަލުން ފަރުވާދެވެން އެބަހުރި، މި ކޭސްގައި 2 އާރޓިފިޝަލް ސާރފެކްޓެންޓް (Surfactant Artificial) މާލެއިން ގެނެވިފައިވާ އިރު، މި ކޭސްއަށް ބޭނުންވާ މާލޭގައި ލިބެންނެތް ބައެއް ބޭސްތައް ބޭރުންވެސް ގެނެވިފައިވޭ"

ޑަކްޓަރ ހާމަކުރެއްވިއެވެ.

މީގެ އިތުރުން، ކޭއާރްއެޗްގެ ފޭސްބުކް ޕޭޖުގައި ޝާއިރު ކުރި ވީޑިއޯއެއްގައި ވާހަކަ ދައްކަމުން އެ ދެކުދިންގެ މަންމަ ބުނީ، ކޭއާރްއެޗްއާ ބެހޭގޮތުން އަޑުއިވިފައިވާ ވާހަކަތަކާއި ލިބުނު ޚިދުމަތާ ވަރަށް ތަފާތުކަމަށެވެ. އެގޮތުން، އޭނާ އާންމުކޮށް އަޑުއަހަނީ އެ ހޮސްޕިޓަލްގެ ޚިދުމަތް ކަމުނުދާ ވާހަކަ ކަމަށާއި، އެހެންނަމަވެސް ތަޖުރިބާކޮށްލުމުން އެނގިގެންދިޔައީ ކޭއާރްއެޗްގެ ޚިދުމަތް ވަރަށް ފުރިހަމަކަމަށާއި އެކަމާ އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށް ދެކުދިންގެ މަންމަ ކިޔައިދިނެވެ.

" އަޅުގަނޑުމެން ދޭންވީ ލޯބި، އެހެން ބަޔަކު ދީގެން ބެލެހެއްޓީ. ވަރަށް ރަނގަޅު ހަމަ. ނަރުހުންވެސް ޑޮކްޓަރުންވެސް ވަރަށް ރަނގަޅު ހަމަ. ވަރަށް ހިތްހަމަޖެހޭ."

އެ ވީޑިއޯގައި ދެކުދިންގެ މަންމަ ބުނެފައިވެއެވެ.

މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި، ކުޑަކުދިންގެ އައި.ސީ.ޔޫ ގައި ބާއްވައިގެން ޖުމްލަ 152 ކުދިންނަށް ފަރުވާދެވިފައިވާކަމަށް އެހޮސްޕިޓަލުން ހާމަކޮށްފައިވެ އެވެ.

ވޭތުވެދިޔަ، ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންދަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. މިގޮތުން އެމް.އާރު.އައި ގެ ހިދުމަތް ފެށުމާއި، ނާރުގެ ތަހުލީލުތައް ފެށުމުގެ އިތުރުން މެޑިކަލް އިންފްރާސްޓަރަކްޗަރ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކޮށްލެވެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ލާމަރުކަޒީ ސިއްހީ ނިޒާމެއްގައި އުތުރުގެ މައި މަރުކަޒެވެ.